މި އަހަރު 818 އިމާމުން ތަމްރީނު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ރާއްޖޭގެ 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުން ތަމްރީނުކޮށްފައިވާ ކަމަށެވެ.

އެ ޕްރޮގްރާމުގައި ޖުމްލަ ނުވަ މާއްދާއެއް ކިޔަވާދީފައިވާ ކަމަށެވެ. އެއީ ގުރްއާނާއި ތަޖުވީދުގެ އިލްމާއި ތަފްސީރާއި ފިގުހާއި ހަދީސްގެ އިތުރުން އަގީދާއެވެ. އޭގެ އިތުރުން އިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިންމު ކަންކަން އުނގަންނައިދީފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިމާމުން ތަމްރީނު ކުރުމުގެ އެންމެ ފަހު ބެޗްގައި މާލެ ސިޓީގެ އިމާމުން ތަމްރީނުކޮށްފައިވާ ކަމަށާއި އެ ބެޗާއެކު، މިއަހަރު 818 އިމާމުން ތަމްރީނު ކުރެވިފައުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެއިތުރުން ރާއްޖޭގައި ހިންގާ ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން އިމާމުންނަށް ފުރުސަތު ހޯއްދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ އިސްލާމީ މަރުކަޒުތަކަށް ދެ އިމާމުން ހަމަޖައްސައި އޭގެ ތެރެއިން އިމާމަކު ބަންގި ދިނުމަށް ހާއްސަކުރަން ނިންމާފައިވާ ކަމަށެވެ. އަދި އިސްލާމީ މަރުކަޒުގެ މައި އިމާމަކީ ޑިގްރީ ފެންވަރުގެ އިމާމެއްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.