ހައުސިން ޑިވެލޮޕްމެންޓް ކޯޕަޜޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް، ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބުމަށް ޝަރުތު ހަމަވާ މީހެއްނޫންކަން ހައުސިން މިނިސްޓްރީން، އެޗްޑީސީ އަށް އަންގާފައި އޮއްވައި ވެސް ފަޒީލްގެ ގޯތީގެ ވަށާފާރު ރާނަން ފަށާފައި ހުރިކަން ހާމަވެއްޖެއެވެ.
"ބިންވެރިޔާ" ސްކީމުގެ ބޭރުން ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ އިއްޔެގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ އިއްޔެ އެޗްޑީސީއަށް ވަދެފައެވެ.
ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމާއެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީ ސިޓީއެއް އަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ. އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. ފަޒުލްއަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.
އެކަމުގެ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ފުލުހުން ވަނީ އެޗްޑީސީއަށް ވަދެ ބަލައި ފާސްކޮށްފައެވެ. އަދި ވަނީ ސްކީމުން ބޭރުން ގޯތި ވަކިބަޔަކަށް ދިން ކަމަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގު ފަށައިފައެވެ.
ފުލުހުން އެ ތަހުގީގު ފެށިއިރު، ފަޒީލްގެ ގޯތީގައި ވަށާފާރު ރޭނުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން އެ ގޯތީގެ ވަށާފާރު ވަނީ ހަތަރު ފޫޓަށް ރާނައިފައެވެ. ރޭނުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ގޯތިތެރޭގައި އެބަހުއްޓެވެ.
އެޗްޑީސީއަށް އަމާޒުވަމުންދާ ތުހުމަތުތަކާ ގުޅިގެން އެ ކުންފުނިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވެފައިވަނީ މައްސަލަ ޖެހިގެން އުޅޭ ބިންތަކަށް ދިން ހުއްދަތައް ކެންސަލްކޮށްފައިވާ ކަމަށާއި އެ ބިންތަކުގައި ވަށާފާރު ރާނާފައިނުވާނެ ކަމަށެވެ.
"ދެ ބިމުގައި ވެސް ޕާމިޓް ދެވުނު ހިސާބަކީ އަޅގަނޑުމެންނަށް ހައިލައިޓްވެގެން އައި ހިސާބު. އެކަމަކު ފާރު ރާނާފަކާ ނޫން ހުރީކީއެއް. އެނގޭތޯ. ޕާމިޓް ދެވިފައި އޮތީ. ޕާމިޓް ކެންސަލް ކުރީ. ދެ ފަރާތަކަށް އެނގޭތޯ. ކޮންމެ ބިމެއްގެ އެކަކަށް އެނގޭތޯ،" ފަޒުލް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމުގެ ޝަރުތުތަކާ ހިލާފަށް ބަޔަކަށް ގޯތިދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފެށުމާ ގުޅިގެން ރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ވަނީ އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑް ކޮށްފައެވެ.
އެޗްޑީސީގެ ބޯޑު މެންބަރުންނަށް ތިއްބަވަނީ އެ ކުންފުނީގފެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި، އަޒްހާރު އަބްދުﷲ ސައީދު، އިބްރާހިމް ޔޫސުފް ފުޅު، މުހައްމަދު ވިޝާމް، އުލާ މުހައްމަދު ރަޝީދު، އާރިފް އަބްދުއްސަމަދު، މުހައްމަދު ނާޖިލް، މުހައްމަދު ވަހީދު، ފާތިމަތު މިޒްނާ އަލީ އަދި ޔޫސުފް ވަހީދެވެ.
މީގެ އިތުރުން ފަޒީލު ވެސް ވަނީ އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަގާމުން ސަސްޕެންޑް ކޮށްފައެވެ.
މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ވެސް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު މިއަދު ވަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް އަމުރުކުރައްވައިފައެވެ.
އޭސީސީން "ވަން" އަށް މިއަދު ބުނީ ބިންވެރިޔާ ސްކީމުގެ ބެއިރުން ގޯތިދިން ކަމަށް ތުހުމަތުވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު