މިފްކޯގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރަކަށް ތަޖުރިބާކާރެއް އައްޔަންކޮށްފިއެވެ.
މިއީ މިމަހުގެ ނުވަވަނަ ދުވަހު މިފްކޯގެ ސީއީއޯކަމުގެ މަގާމާ ޑރ. ވިޓާލީ ލުބިމޯވް މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ ކުންފުނީގެ ހިންގުމަށް ގެންނެވި ފުރަތަމަ ބޮޑު ބަދަލެވެ. އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ހިއުމަން ރިސޯސް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަހުމަދު ނާސިރެވެ.
މިފްކޯގެ ސީއީއޯ ވިޓާލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ޖަގާ ނުދެއްވާނެ ކަމަށާއި އެ މަސައްކަތުގެ ދަށުން އެޗްއާރުގެ ޖީއެމްގެ މަގާމަށް އައްޔަންކުރެވުނު ނާސިރަކީ އެ ކުންފުންޏަށް މި ދަނޑިވަޅުގައި އެ ޑިޕާޓްމަންޓުގެ ލީޑާޝިޕަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވި މައިގަނޑު ބޭނުމަކީ މިފްކޯގެ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމުގެ ދެމެހެއްޓެނިވި ސިޔާސަތަށް އަމަލުކުރައްވާނެކަމުގެ ޔަގީންކަން ދިނުމާއި، ސިޔާސީ ޕާޓީތަކަށް ބެލުމެއްނެތި އެ ސިޔާސަތު ފުރިހަމައަށް ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން ދިނުން ކަމަށް ވިޓާލީ ވިދާޅުވިއެވެ.
ވިޓާލީ ވިދާޅުވީ، ސިޔާސީ ނުފޫޒާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް ނަންގަވާނެ ކަމަށާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކުގެ ނަން އާންމުކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ އޮޅުވާލުމުގައި ޝާމިލުވާ ފަރާތްތައް މަގާމުން ދުރުކުރުމާއި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ކުންފުނީގެ ހިންގުމަށް ސިޔާސީ ގޮތުން ޕްރެޝަރުކުރަން ކުރާ ކޮންމެ މަސައްކަތަކާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅާނަން. އަދި އެފަދަ ނުފޫޒުފޯރުވުމަށް ޒީރޯ ޓޮލަރެންސް އޮންނާނެ. ކުންފުންޏަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ހިއްސާކޮށްގެން ފުރިހަމަ ޓްރާންސްޕޭރެންސީ ކަށަވަރު ކުރާނަން،" ވިޓާލީ ވިދާޅުވިއެވެ.
މިފްކޯއިން ބުނީ، ސީއީއޯގެ ހަރުދަނާ ފިޔަވަޅުން ދައްކުވައިދެނީ ބޭރުގެ ސިޔާސީ ޕްރެޝަރުތަކުން އެއްކިބާވެ، މިފްކޯގައި ޕްރޮފެޝަނަލް އަދި މިނިވަން މެނޭޖްމަންޓް އޮނިގަނޑެއް ދެމެހެއްޓުމަށް އޭނާ އަހައްމިއްޔަތުކަންދޭ މިންވަރު ކަމަށެވެ.
މިހާރު ވިޓާލީ ގެންދަވަނީ މިފްކޯގެ އޮޕަރޭޝަނަލް ޕްރޮސެސްތައް ފުރިހަމައަށް އިވެލުއޭޓްކުރުމުގެ ކަންކަން ބަލަހައްޓަވަމުންނެވެ. އެކަންކަން ބެއްލެވުމަށްފަހު، ކުންފުނީގެ ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ޕްރޮގްރާމެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، ވިޓާލީގެ އިސްނެންގެވުމުގެ ދަށުން މިފްކޯ ހިންގަވާނެ ޕްލޭނެއް ހަމަޖެހިގެންދާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު