ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމް މިނިސްޓްރީން ފަށާފައިވާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 18،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް "ސަރުކާރު" ނޫހަށް މިއަދު ވިދާޅުވީ މި އަހަރުގެ މެއި މަހު ފެށި އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 18،919 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށެވެ. އަދި 194 ރަށެއްގައި އެ މަސައްކަތް ފަށައި 50 ރަށެއްގައި އެ މަސައްކަތް ނިންމާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ހޯމް ލޭންޑް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އޮޕަރޭޝަން ކުރަނގީގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ ޔަގީންކުރާނެއެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ގާއިމުކޮށްގެންނެވެ. އަދި އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ހޯމް ލޭންޑުން ބުނެފައިވެއެވެ.
އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް ފުރުސަތު ފަހިކޮށްދޭނެއެވެ.
ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ހޯމް ލޭންޑުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު