ދިވެހީންގެ ކިއްސަރުވަޑާމަކީ އަބަދުވެސް ދިވެހީން ވަރަށް ފަޚުރުވެރިވާ އެއްޗެކެވެ. އެއީ ދިވެހި ސަގާފަތުގެ ވަރަށް މުހިންމު ބައެކެވެ. ކިއްސަރުވަޑާމަކީ އޮޑިދޯނިފަހަރު ބަނުމުގެ ވަޑާމެވެ. މިޒާތުގެ ކަންކަން ދިވެހީންގެ ހަނދާނުން ކެހެމުން ކެހެމުންގޮސް އަދި ފަހަރަކު އެއްޗެއް ފަހަރަކު އެއްޗެއް މުށުތެރެއިން ދޫވަމުންގޮސް މިޒަމާނުގެ ކުދީންނަށް ދިވެހިވަންތަކަމަކީ ކޮބައިކަމެއްވެސް މޭރުންވުން ކުޑަވެއްޖެއެވެ. ތައުލީމު ދިނުމުގެ ނިޒާމުގެ މައްސަލަޔަކަށް ވެދާނެއެވެ. އެހެން މައްސަލަޔަކަށްވެސް ވެދާނެއެވެ. މިކަން މިހާރުއޮތް ހިސާބާދޭތެރޭ ޚިޔާލު ހިންގައިލަން ޖެހުނީ ދިވެހި ކިއްސަރުވަޑާމާމެދު މީސްމީޑިއާގައި ދިވެހި ދެތިން ޒުވާނަކު ދާދިފަހުން ކޮށްފައިވާ ޕޯސްޓްތަކެއް ފެނިގެންނެވެ. އެކަކު ލިޔެފައިވެއެވެ. އަހަރެމެންގެ ދޯނިވަރުގެ އެހެން އެއްޗެއް މި އާލަމުގައިވެސް ނުވާކަމަށް ބްރޯ ތިޔަހީކުރަނީ ސަތޭކައެއްހައި ކަޅުބިލަމަހާއި ދެތިން ހަނޑޫބަސްތާއެއް އެއްރަށުން އަނެއް ރަށަށް ގެންދެވޭތީ ހެއްޔެވެ.
އޭނާ އަދިވެސް ބުންޏެވެ. ހެޔޮވާހަކައެއް ބުނެދެންހެއްޔެވެ. ތިޔަ ފަޚުރުވެރިވާ ދޯނިފަހަރަކީ މާކުރީގެ ފަރުމާއެކެވެ. ބޯދާ އެއްޗެކެވެ. މިޒަމާނަކަށް އަމްދުން ކަމަކު ނުދެއެވެ. އެދޯނިފަހަރު ކަމުނުގޮސްގެން އޭގެ ފަރުމާ ބަދަލުކުރަން ޖެހުނު ސަބަބާމެދު ވިސްނައިލިނަމައެވެ. އަނެކަކު ލިޔެފައިވެއެވެ. ބްރޯއަށް ތިޔަ ފެންނަނީ ބްރޯމެންގެ އަމިއްލަ ދޯނިފަހަރެވެ. އެހެން ބައެއްގެ އުފެއްދުމެއް ނުފެނެއެވެ. ނުބަލައެވެ. އެހެންވީމާ ތިޔަ ހީކުރަނީ އަށާރަ އާލަމުގައިވެސް ތިވަރުގެ އެއްޗެއް ނުވާކަމުގައެވެ. އެއީ ޖާހިލުކަމެވެ. ނުދަތުމެވެ. އެހެންބައެއްގެ ހުނަރެެއް، އުޅުމެއް ކަލޭމެންނަކަށް ނޭގެއެވެ. ދެނެގަންނަންވެސް ބޭނުމެއް ނުވާކަހަލައެވެ. އެދެނީ އެކަހެރިކަންމަތީ ގަބީލާވަންތަ ބޯދާ ވިސްނުމެއްގައި ތިބުމެވެ. ކަލޭމެންގެ މިސާލަކީ ވަޅުގައި އޮންނަ ބޮކުގެ މިސާލެވެ. ބޭރެއް ނުފެންނާނެއެވެ. ފެންނާނީ ތިމާއޮތް ވަޅު އެކަންޏެވެ. ކޮންމެއަކަސް މިހިރީ ދިވެހިންގެ ސަގާފީ ކިއްސަރުވަޑާމާމެދު މިއަދުގެ ޒުވާނުންގެ ވިސްނުމެވެ. ފިކުރެވެ.
އާނއެކެވެ. އަހަރެމެންނަށް ދުނިޔެ ނޭނގިދާނެއެވެ. އެކަމަކު ދިވެހި އޮޑިފަހަރުގެ މޮޅުކަމާއި ފަރުމާގެ ފުރިހަމަކަމާއި، މާވަޑިކަމަށް މޮޅުކަމާއި، ނިޔަމިކަމުގައި ކުރިއަރައިތިބިވަރާއި، ދިވެހިންގެ އަމިއްލަ އޮޑިފަހަރުގައި ދަތުރުކުރި ދުރުކަން ލިޔެފައިހުރީ އިހުގެ ބޭރުގެ ދަތުރުވެރީންނެވެ. ސައްޔާހުންނެވެ. ދިވެހިންނެއް ނޫނެވެ. އެމީހުންނަށް ފެނުނު ދުނިޔެ ރާއްޖެއަށް ވުރެ މާބޮޑު ވާނެތާއެވެ. އެމީހުން ލިޔުނެވެ. އެންމެ ފަރުމާ ރީތި، އެންމެ ފުރިހަމަ އޮޑިފަހަރު ބަނދެއުޅުނީ ދިވެހީންނެވެ. އެފަންނުގައި ދުނިޔޭގެ އެންމެ ގަދީމީ އެއް ގައުމަކީވެސް ދިވެހިރާއްޖެއެވެ. ދިވެހި އޮޑިދޯނިފަހަރުގެ ބައެއް ފަރުމާ ގަދީމީ މިސްރާއި، މަޝްހޫރު ވައިކިންސް ނިޔަމީންނާވެސް އެމީހުން ގުޅުވައެވެ. މިފަންނުގައި އެންމެ ކުރިއަރާފައިވާ އެއް ބަޔަކީ ދިވެހީންކަން ބޭރުގެ މިދެންނެވި ލިޔުންތެރީންގެ ލިޔުންތަކުން އެނގޭއިރު އޮޑިދޯނިފަހަރު ބަނުމުގެ މިފަދަ ފަހުރުވެރި ތާރީޚެއް ލިބިގެންވާ އެހެންބަޔަކު އިންޑިޔާ ކަނޑޭ މިކިޔާ ގޮނީގެ ތެރެއަކު ނެތެވެ.
ބޭރުގެ ލިޔުންތެރިންނޭ ތަޖުރިބާކާރުންނޭ ދަންނަވާފައި އެވަރުން އަދި ފުއްދައިލާ ހިތެއް ނެތެވެ. މަސްވެރިކަމަށާއި ކަނޑުދަތުރުފަތުރުކުރުމަށް ދިވެހީންނަށްވުރެ ކުރިއަރާފައިވާ އަދިއެކަމަށް ދިވެހީންނަށްވުރެ ވަކިކުޅަދާނަ އެހެންބަޔަކު ނުވާކަމަށް މީގެ 105 އަހަރު ކުރިން އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް ކަމަށްވާ ޖޭމްސް ހޯނެލް ވަނީ ލިޔުއްވައިފައެވެ. އޭނާއަކީ މިފަންނުގެ ކަންކަން ވަރަށް ބޮޑަށް ދިރާސާ ކުރައްވައި މައުލޫމާތު އެއްކުރެއްވި ބޭފުޅެކެވެ. ޖޭމްސް ހޯނެލްއަކީ ޚާއްސަގޮތެއްގައި އިންޑިޔާގެ ކަންކަން ވަރަށް ގާތުން ބެއްލެވި ބޭފުޅެކެވެ. އިނގިރޭސިން އިންޑިޔާގައި ވެރިކަންކުރި ޒަމާނުގައި އޭނާ ވަނީ މެޑްރާސްގެ ސަރަހައްދީ ސަރުކާރުގެ މަސްވެރިކަމާބެހޭ ޑިރެކްޓަރުކަންވެސް ކުރައްވައިފައެވެ. އެހެންވީމާ އިންޑިޔާގެ މަސްވެރިކަމާއި މަސްވެރިކަމުގެ އުޅަނދުތަކާއި އޭގެ ފަރުމާ ވަރަށް ރަގަޅަށް އޭނާއަށް އެނގިވަޑައިގަންނަވާނެއެވެ. އޭނާ 1920 ވަނަ އަހަރު ވިދާޅުވީ މި ފަންނުގައި ދިވެހިންވަރުގެ އެހެން ބަޔަކު ނެތްކަމުގައެވެ.
މަސްވެރިކަމާއި އޮޑިދޯނިފަހަރު ބަނުމުގެ ޓެކްނޮލޮޖީގައި ދިވެހިންގެ ފެންވަރާމެދު ބޭރުގެ ލިޔުންތެރިން މިފަދަ ރިޕޯޓުތައް ދެއްވާފައިވާއިރު އަދި ދިވެހީންނަށްވެސް މި ހަގީގަތް އެނގޭއިރު މިޒަމާނުގައި މިކަން ދެމެހެއްޓުމަށް އަދި ބަދަލުވަމުން ފުރޮޅެމުންދާ ދުނިޔެއެއްގައި މިކަން ހަނދާންކުރުމަށް އެއްވެސް ކަމެއް އެބަކުރެވޭ ބާވައެވެ. ދިވެހިންގެ ކިއްސަރުވަޑާމަށް ޚާއްސަ މިއުޒިއަމެއް އެބަހުރިބާވައެވެ. އެކިބާވަތްތަކުގެ ދިވެހި އުޅަނދުތަކުގެ މޮޑެލް ދައްކައިލެވޭ ކަހަލަ މަރުކަޒެއް އެބަހުރިބާވައެވެ. ނެތެވެ. ދުނިޔޭގެ ނަން މަޝްހޫރު ފެޝަން ޑިޒައިނަރުންގެ ހަނދާނުގައި ފެޝަނުގެ މިއުޒިއަމްތައް ހެދިފައިވާއިރު ދިވެހީންގެ ފަޚުރާއި ޝަރަފުކަމަށް ބުނާ މަސްވެރިކަމާއި ކިއްސަރުވަޑާމުގެ މިއުޒިއަމެއް ނެތެވެ. ދިވެހި ޒުވާނުންނާއި ބޭރުގެ މެހުމާނުންނަށްވެސް މިފަންނުގައި ދިވެހިންގެ ހުނަރު ކިޔައިދޭނެ މަރުކަޒެއް ނެތެވެ. މިހިރީ ގައުމީ ވިސްނުމަކުން ވިސްނާއިރު ދެރަވަރުގެ ކަންކަމެވެ.
މިހިރީ ލަދުވެތިވާންވެސް ޖެހޭކަންކަމެވެ. ޚާއްސަގޮތެއްގައި މިޒަމާނުގެ ދިވެހީންނަށް ދިވެހި ސަގާފަތާއި ދިވެހި ތާރީޚު އެނގުން ކުޑަކަމުންނެވެ. މިކަމުގައި އިސްވާންޖެހެނީ ގައުމީ އިދާރާތަކެވެ. ނަމޫނާ ދައްކަންޖެހެނީ އެފަދަ އިދާރާތަކުންނެވެ. އެކަމަކު އެމީހުންގެ ހާލު މިވަގުތު ހުރީ މިފަދަ ކަމެއް ކުރެވޭ ހިސާބުގައިތޯ ސީރިއަސް ސުވާލުތަކެއް އުފެދެއެވެ. ފެންނަ މަންޒަރުތަކުންނެވެ. ދިވެހިބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާރސް ޕްރޮގްރާމެއްގެ އިޝްތިހާރު ކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދާފިފަހުން ބޭނުންކުރި ތަސްވީރުން ހިތްފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ދިވެހި އޮޑިދޯނިފަހަރުގެ ފަރުމާޔަކީ އުތުރުކަރައިގެ އޮރުވާކަމަށް ސިފަވާ ތަސްވީރެކެވެ. ގައުމީ ޔުނިވަރސިޓީން މިޒާތުގެ ކުރެހުންތައް ކުރަހައި އާއްމުކުރީމާ ދެންވާނީ ކިހިނެއްބާވައެވެ. އަދި ފަންސާހަކަަށް އަހަރުފަހުން ދިރާސާކުރާ މީހުން ބުނާނެއެވެ. ދިވެހިންގެ ހުނަރެއް ނެތެވެ. ދިވެހިން ނަކަލުކުރީ އުތުރުކަރައިގެ އޮރުވާއެވެ.
އެކަމަށް ހެކި ދައްކަން ގައުމީ ޔުނިވަރސިޓީގެ ކުރެހުންވެސް އެމީހުން ދައްކާނެއެވެ. ދިވެހިންގެ ސަގާފަތާއި ދިވެހިންގެ މަސައްކަތްތެރިކަން ރަމްޒުކޮށްދިނުމަށް ގައުމީ ޔުނިވަރސިޓީން ބޭނުންކޮށްފައިވާ ކުރެހުމުން ފެންނަނީ ބޮނބި އަރިއެއްހެން ދެކޮޅު އަރާފައިވާ ބިދޭސީ އޮރުވާގަނޑެކެވެ. މިއަހަރު ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ގައުމީ ޔުނިވަރސިޓީން ނެރުނު ޕޯސްޓުގައިވެސް ބޭނުންކުރީ ހަމަ މިޒާތުގެ ތަސްވީރެކެވެ. މިހިރީ ތައުލީމު ދިނުމުގެ ތެރެއިން މިކަންކަން ހަމަމަގަށް އެޅުވުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކުގެ ހާލުކަމަށްވަނީ ވިއްޔާ ދެން ގައުމުގެ ކުރިމަގު އޮންނާނީ ކޮންގޮތަކަށް ބާވައެވެ. ނިންމައިލުމުގެ ކުރިން ދަންނަވަމެވެ. ހެޔޮނުވާނެއެވެ. މިސްރާބު ބަދަލު ކުރައްވާށެވެ. ގައުމެއް އޮންނާނީ ގައުމިއްޔަތެއް އޮވެގެންނެވެ. ގައުމިއްޔަތެއް އޮންނާނީ ތާރީޚާއި ސަގާފަތެއްވެސް އޮވެގެންނެވެ. ދިވެހީންގެ ގައުމިއްޔަތާއި ދިވެހީންގެ ތާރީޚާއި ދިވެހިވަންތަކަމަށްޓަކައި މިއީ ސީރިއަސް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ވަގުތެކެވެ.
ދިވެހިންގެ މޯލްޑިވް ސީ ފޮހެވިއްޖެއެވެ. މިހާރު އޮތީ ލެކަޑިވް ސީއެކެވެ. މޯލްޑިވް ރިޖެއްވެސް މިހާރަކު ނެތެވެ. އޮތީ ލެކަޑިވްސް ޗާގޯސް ރިޖެވެ. ދިވެހިބަހެއްވެސް ނެތެވެ. އޮތީ މަހަލް ބަހެވެ. އެންމެފަހުން ދިވެހިންގެ ކިއްސަރުވަޑާންވެސް ނެތިގޮސް ކަންނަންނޫރުގެ އޮރުވާ ވަޑާމަކަށް ވަނީއެވެ. އެކަމަށް ގައުމީ ޔުނިވަރސިޓީން ބާރުވެސް އެބަދެއެވެ. ގަދީމީ ދިވެހިރާއްޖޭގެ ސަރަހައްދުވެސް ދިވެހިންނަކަށް މިހާރު ނޭނގެއެވެ. އެނގޭ ކަމަކަށް ނުވެއެވެ. އެވެނި ތަނަކީ ކުރިން ދިވެހިރާއްޖެއޭ މީހަކު ބުނާއަޑު އިވިއްޖެނަމަ ސުވާލުކޮށް ހަޖޫކިޔާ މީހުންވެސް ފެނެއެވެ. އެމީހުން އަހައެވެ. ތިޔަ ތަނުން ދިވެހީންނަށް ގޯތި ދޫކުރަން ފަށަނީ ކޮންއިރަކު ހެއްޔެވެ. މިޒާތުގެ ސުވާލުކުރާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކޮށްފައިވާ ބައެއް މީހުން ހިމެނޭކަމީ ދިވެހީންގެ ކުރިމަގު ބަނަކަން އަންގައިދޭ މީޓަރަކަށް ނުވޭތޯއެވެ. އަދި ވަގުތު ފާއިތެއް ނުވެއެވެ. މަސަަައްކަތް ފައްޓަވާށެވެ. ގައުމަށްޓަކައެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު