ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ފިނޭންސް މިނިސްޓްރީގެ ދަށުން އުފެއްދި އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް އަސްމާ ޝަފީއު ހަމަޖައްސައިފިއެވެ.

ރިފޯމް ކޮމިޝަނަރަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކުރީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ މުއްދަތު މި މަހުގެ އަށްވަނަ ދުވަހު ވަނީ ހަމަވެފައެވެ.

މީރާގައި 14 އަހަރު މަސައްކަތް ކުރެއްވި އަސްމާއަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ 2019 ގަ އެވެ. ނަމަވެސް މި މަހުގެ އޮކްޓޯބަރު 31 ގައި އޭނާގެ ފަސް އަހަރުގެ ދައުރު ވަނީ ހަމަވެފައެވެ.

ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އެ މަގާމުގައި މަސައްކަތް ކުރަން ޖެހޭނީ ފިނޭންސް މިނިސްޓްރީގައެވެ. ނަމަވެސް އެ މަގާމުގެ މުސާރައެއް ފިނޭންސް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުން ރިފޯމް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރިފޯމު ސްޓްރެޓެޖީ އެކުލަވައިލުމާއި އިނޮކޮމިކް، އެސްއޯއީ އަދި ފިސްކަލް ރިފޯމުތަކާ ގުޅޭ ޕްރޮގްރެސް ރިޕޯޓުތައް އެކުލަވާލައި އެކަމާ ގުޅޭ ފްރޭމްވޯކްތައް އެކުލަވައިލައި ޕްލޭންތައް ރޭވުން ހިމެނެއެވެ.