އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައިވާ އިރު، އެ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ އިމާރާތެއް ލިބެންދެން، އެ މިނިސްޓްރީތައް ހިންގާނީ ސަރުކާރުގެ އިމާރާތެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

ރައީސް މި ފަދައިން ވިދާޅުވީ، އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވައި، އެ މިނިސްޓްރީތަކުގެ މުވައްޒަފުންނާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް އޮފީހުން ބުނީ، މިއަދުގެ ބައްދަލުކުރެއްވުމުގައި އަލިފާނުގެ ހާދިސާގައި އިމާރަތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި ކަމަށެވެ. އެގޮތުން ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ހިދުމަތް ދިނުމަށް ވިސްނަވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވައިފައެވެ. އަދި މި ގެއްލުމުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލިގޮސްފައިވާކަން ފާހަގަކުރައްވައި އެގެއްލުންތަކުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރު ކުރަން ވެސް އުނދަގޫވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ ހާލަތުގައިވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ "ޕޮސިޓިވް އެޓިޓިއުޑް" ކެތްތެރިކަން އަދި މަސައްކަތްތައް އަލުން ފެށުމަށްޓަކައި ދެއްވި އެއްބާރުލުން އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފާހާނަ އިތުރުކުރުމަށާއި ކެފެޓީރިއާގެ ހިދުމަތް ދިނުމަށާއި ދެންވެސް މަދުވާ އިލެކްޓްރޯނިކްސް، ކޮމްޕިއުޓާ ސިސްޓަމް ފަދަ ތަކެތި ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެ އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އެނދީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއާއެކު ތިން މިނިސްޓްރީއެއްގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، އެ މިނިސްޓްރީތައް ދަރުބާރުގެއަށް ބަދަލުކޮށް އިއްޔެ އަލުން ވަނީ ފަށައިފައެވެ.