ސްކޫލް ދަރިވަރުން ބޭނުންކޮށްގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ހަރަކާތެއް ހިންގާނަމަ އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ހޯދަން އަންގައިފިއެވެ.
އެޑިއުކޭޝަނުން އިއްޔެ ސަރުކާރުގެ ހުރިހާ އިދާރާއަކާއި ސިޓީ އަދި ލޯކަލް ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ކޮންމެ އަހަރެއްގެ ދިރާސީ އަހަރުގެ ކަލަންޑަރާ އެއްގޮތަށް އެކްޓިވިޓިވީ ކަލަންޑަރެއް ވެސް ހަދާ ކަމަށެވެ. އެއީ ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކަކީ ދުރާލައި، ރާވައިގެން ވަކި އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތަކަށް ހެދުމަށް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
އެހެންކަމުން ދައުލަތުގެ އިދާރާތަކުން ކުރިއަށްގެންދާ ހަރަކާތެއްގައި ދަރިވަރުން ބައިވެރިކުރާނަމަ އެ ހަރަކާތަކީ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައި އޮންނަ ހަރަކާތަކަށް ވާން ޖެހޭނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. ދައުލަތުގެ އިދާރާއަކުން ދަރިވަރުން ނުވަތަ ސްކޫލް ބައިވެރި ކޮށްގެން ހަރަކާތެއް ހިންގާނަމަ ދިރާސީ އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
"މިފަދަ ހަރަކާތްތަކާ ގުޅޭގޮތުން ސްކޫލްތަކާ މުއާމަލާތް ކުރައްވަން ވާނީ މިނިސްޓްރީގެ ހުއްދަ ހޯއްދެވުމަށް ފަހު ކަމަށް ވެސް ދަންނަވަމެވެ" އެޑިއުކޭޝަނުން ބުންޏެވެ.
ދަރިވަރުން ހަރަކާތްތަކުގައި ބައިވެރިވުމުގެ ކަންކަން ކުރިއަށް ގެންދަންވާނީ ކިޔެވުމަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެ ގޮތަކަށް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
އެޑިއުކޭޝަނުން ބުނީ ދުރާލައި ހަރަކާތްތައް އިންތިޒާމުކޮށްފައި ނެތުމުގެ ސަަބަބުން ދަރިވަރުންގެ ކިޔެވުމަށާއި ޓީޗަރުންނާއި ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ކަމަށެވެ. އަދި ކުއްލިއަކަށް ރާވާ ހަރަކާތްތަކުގެ ސަބަބުން ސްކޫލާއި ބެލެނިވެރިންނަށް މާލީ ބުރައަކަށްވެ، ސްކޫލް ތެރޭގައި ނުތަވަސްކަން އުފެދޭ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު