އދ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދިނުމަށާއި އެ އަތޮޅު ލޮނުބޯ ބޭނުންކުރެވޭނެ ގޮތް ހަދައިދެއްވުމަށް ރައީސްގެ އަރިހުން އެ އަތޮޅު ކައުންސިލުން އެދިއްޖެއެވެ.
ރައީސް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އދ. މަހިބަދޫއަށް އެ ރަށުގައި އެ އަތޮޅު ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ އެ އަތޮޅުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ސުކޫލުގައި ސޯލާ ހަރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ ގޮތަކަށް އދ. ލޮނުބޯ، ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށާއި އަތޮޅުގެ ސިއްހީ ނިޒާމު ތަރައްގީކޮށްދެއްވުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވައިފައެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ އަތޮޅުގައި ޕިކްނިކް ދާނެ ރަށްތައް މަދުކަން ފާހަގަކުރައްވައި އެކަން ފަހިކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމަށް އާރްޓީއެލްގެ ހިދުމަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު