“ޕުޝްޕާ 2: ދަ ރޫލް" ފިލްމުގެ ޕްރިމިއާ ހަފުލާގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ފިލްމުގެ މައިގަނޑު ދައުރު އަދާކުރާ ތަރި އައްލޫ އަރްޖުން ވަނީ އިއްޔެ ހައްޔަރުކޮށް އަދި މިއަދު ހެނދުނު ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ.

މި ހާދިސާއާ ގުޅިގެން އައްލޫ އަރްޖުން ހައްޔަރުކުރެވުނީ އިއްޔެ ހެނދުނު ހައިދަރްއާބާދުގައި ހުންނަ އޭނާގެ ގެއިންނެވެ. އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ތުހުމަތު ބާތިލުކުރުމަށް ހައިކޯޓަށް ހުށަހެޅުނެވެ. ތެލަންގާނާ ހައިކޯޓުން މައްސަލަ ބެލުމަށްފަހު، ކަފާލާތުގެ ދަށުން ދޫކޮށްލަން ހުކުމް ކުރުމުން މިއަދު ހެނދުނު ހައިދަރްއާބާދުގެ ސެންޓްރަލް ޖަލުން އޭނާ ވަނީ ދޫކޮށްލާފައެވެ. ކަފާލާތުގެ ދަށުން ދޫކުރާއިރު 50،000 ރުޕީސް ދެއްކުމަށްވެސް އޭނާގެ މައްޗަށް ހުކުމްކޮށްފައިވެއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގީ 4 ޑިސެމްބަރުގެ ރޭގަނޑުގައެވެ. އެރޭ ގިނަ އަދަދެއްގެ މީހުން ހައިދަރާބާދުގެ ސަންދްޔާ ތިއޭޓަރަށް އެއްވެފައި ވަނީ އައްލޫ އަރްޖުންގެ އެންމެ ފަހުގެ ފިލްމު "ޕުޝްޕާ 2: ދަ ރޫލް" ގެ ޕްރިމއާގައި އޭނާ ދެކުމުގެ އުއްމީދުގައެވެ. ތިއޭޓަރަށް ބާރުބޮޑުވެ، މީހުންތައް ފިތި، އަންހެނަކު މަރުވިއެވެ. އޭނާގެ ދަރިފުޅު މިހާރު އަންނަނީ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންނެވެ. ރިޕޯޓުތަކުން ދައްކާގޮތުގައި އެ ކުއްޖާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މަރުވި މީހާގެ އާއިލާގެ ޝަކުވާގެ މައްޗަށް ބިނާކޮށް، އެ ތަރިއާއި، އޭނާގެ ސެކިއުރިޓީ ޓީމާއި، އަދި ތިއޭޓަރުގެ މެނޭޖްމަންޓާ ދެކޮޅަށް ޗިއްކަޑްޕައްލީ ފުލުސް ސްޓޭޝަނުގައި މައްސަލައެއް ރަޖިސްޓްރީކޮށްފައިވެއެވެ.

ފާއިތުވި ބުދަ ދުވަހު، މި މައްސަލައާ ގުޅިގެން އަރްޖުން ވަނީ ހައިކޯޓަށް ހުށަހެޅުމެއް ހުށަހަޅާފައެވެ. މި ހުށަހެޅުމުގައި މައްސަލަ ބާތިލުކޮށްދިނުމަށް އެދިފައިވެއެވެ.

އޭނާ ވަނީ މަރުވި އަންހެނާގެ އާއިލާއަށް 25 ލައްކަ ރުފިޔާގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދޭނެކަން ވެސް އިއުލާނުކޮށްފައެވެ. މި މައްސަލައިގައި އެ ދުވަހުގެ މެންދުރުފަހު އާ ބަދަލެއް އައެވެ. އެގޮތުން މަރުވި މީހާގެ ފިރިމީހާ ވަނީ އޭނާ އަރުޖުންގެ މައްޗަށް ދައުވާކުރަން ނޭދޭތީ، އެ ޝަކުވާ އަނބުރާ ގެންދާނެ ކަމަށް ބުނެފައެވެ.