ލަންކާގައި ފެތުރެމުން ދަނީ ''ލެޕްޓޮސްޕިރޯސިސް'' ކަމަށާއި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަނަ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލަންކާގެ ޖަފްނާ ހިމެނޭ ސަރަހައްދުން ފެނިފައިވާ ގޮތްނޭނގޭ ހުމެއްގައި ގިނަ ބަޔަކު ބަލިވެ މީހުން މަރުވާން ފެށުމާއެކު އެ ގައުމުގެ ސިއްހީ އިދާރާއިން ވަނީ ޓެސްޓުތައް ހަދައި އެބައްޔަކީ ލެޕްޓޮސްޕިރޯސިސް ކަން ކަށަވަރު ކޮށްފައެވެ.

ލެޕްޓޮސްޕިރޯސިސް ނުވަތަ ރެޓް ފީވާގައި މިހާތަނަށް ހަތް މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އާންމުކޮށް އުމުރުން 20 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ޖެހޭ ކަމަށް ފާހަގަވެފައިވާ ލެޕްޓޮސްޕިރޯސިސްގެ ސަބަބުން ގަދައަށް ހުން އައުމާއި ނޭވާލާ ނިޒާމަށް އުނދަގޫތަކެއް ކުރިމަތިވާކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާގެ ޖަފްނާ ސަރަހައްދުގައި އެ ގައުމުގެ ކަމާބެހޭ ސިއްހީ ސީނިއަ ޓީމެއް ހަރަކާތްތެރި ވަމުން އަންނައިރު ބަލީގެ ނުރައްކާ އޮތް މިންވަރު ބެލުމަށް ދިރާސާތައް ހަދަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެ ދިރާސާތަކުން ލިބޭ މައުލޫމާތު ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ބޭނުންކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ލެޕްޓޮސްޕިރޯސިސް އަކީ ބެކްޓީރިއާގެ ސަބަބުން އުފެދޭ އިންފެކްޝަނަކުން ޖެހޭ ބައްޔެކެވެ. އިންސާނުންނަށް އެބަލި ފޯރަނީ ތަގައްޔަރުވެފައިވާ ފެން ބުއިމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.