އަމީނީ މަގުގައި ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އިތުރު ތަފްސީލެއް އަދި ނެތް ކަމަށާއި ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ. ހާދިސާ ހިނގި ސަރަހައްދުގައި ހުރި "ވަން" ގެ ނޫސްވެރިޔާ ބުނާ ގޮތުގައި، މު ޅި ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދުން ހިފައިފައެވެ. ވަރަށް ދުރާއި ހަމަމަޔަށް މި ސަރަހައްދު ބަންދުކޮށްފައި ވުމާއި، މި އިމާރާތަކީ ވަރަށް ބޮޑުވެސް އިމާރާތެއްކަމަށް ވުމުން، ރޯވެފައި ވަނީ އިމާރާތުގެ ސީދާ ކޮން ތަނެއްގައިކަން ސާފުކޮށް ނޭނގޭ ކަމަށް ވެސް "ވަން"ގެ ނޫސްވެރިޔާ ބުނެއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެންމެ ފުރަތަމަ ރޯވެފައި ވަނީ މި އިމާރާތުގެ އެންމެ ހުޅަނގަށް ހުންނަ، ޓިނު އިމާރާތުގެ އެއްވަނަ ބުރީގައެވެ. އަލިފާން ރޯވިއިރު، އިމާރާތުގެ އެތެރޭގައި މީހަކު ނެތް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދާދި ދެންމެއަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަޑައިގެންފައެވެ.

ސަރަހައްދުގައި ހުރި "ވަން"ގެ ނޫސްވެރިޔާ ބުނާ ގޮތުގައި، އަދިވެސް އަލިފާންގަނޑު ކޮންޓްރޯލެއް ނުވެއެވެ.

ފުލުހުން ދާދި ދެންމެ ބުނީ، އެ އިމާރާތުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި އެ ސަރަހައްދު އާންމު ޓްރެފިކަށް ވެސް ބަންދުކުރެވިފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އަހުމަދު މަސައްކަތް ކުރައްވަނީ ރޯވެ އަނދަމުންދާ އިމާރާތުގަ އެވެ. މިނިސްޓަރު ހައިދަރު މަސައްކަތް ކުރައްވަނީ މި އިމާރާތުގެ ދެވަނަ ބުރީގައެވެ.

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީގެ އައިޓީ ސެކްޝަން ވެސް ހުންނަނީ މި އިމާރާތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ފުށުން މައުލޫމާތު ލިބުނު ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ 6:30 ނުވަތަ 6:45 ހާއިރުއެވެ.

އެމްއެންޑީއެފުން ދާދި ދެންމެ ބުނީ، އަލިފާން އަދި ކޮންޓްރޯލް އެއް ނުކުރެވޭ އިމާރާތް ކުރުމާއި ބިނާއާ ބެހޭ ވުޒާރާ ހުންނަ މުޅި ބިލްޑިންގުގައި ވަނީ އަލިފާން ރޯވެފައި ކަމަށެވެ. އެ އިމާރާތުގެ ވަށައިގެންވާ އެހެން އިމާރާތްތަކުން މީހުން ހުސްކޮށްފައިވާ ކަމަށާއި މިހާރު ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އެހެން އިމާރާތްތަކަށް އަލިފާން ފެތުރުނަ ނުދިނުމަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ ދުމުގެ އަސަރު ބޮޑުވެފައިވާތީ، ޣިޔާސުއްދީން ސްކޫލްގެ ކިޔެވުން މެދުކަނޑާލައިފި އެވެ.

ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ނުނުކުތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެ އިދާރާ އިން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަށް ނުނުކުތުމަށް އިލްތިމާސްކުރާ ކަމަށެވެ.

ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުމަށް އިލްތިމާސްކުރާ ކަމަށާއި ނޭވާލާ ނިޒާމު އަދި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އޭގެ އިތުރުން އެޗްޕީއޭ އިން ބުނީ ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުމަށް އިލްތިމާސްކުރާ ކަމަށާއި ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް ކަހަލަ އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ހުރި ނަމަ، ލަސްނުކޮށް 115 އަށް ގުޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއޭއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

"އިމަންޖަންސީ އިވެކިއުއޭޝަން ސެންޓަަރެއް މިވަގުތު ވަނީ ސޯޝަލް ސެންޓަރުގައި ގާއިމުކޮށްފަ. އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅައި ނުވަތަ އިވެކިއުއޭޝަން ސެންޓަރަށް ވަޑައިގަތުމަށް ދަންނަވަން،" އެންޑީއެމްއޭ އިން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ހައުސިން މިނިސްޓްރީން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާއާ ގުޅިގެން އެ މިނިސްޓްރީން ކުރަމުންގެންދާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަހައްޓާ މައުލޫމާތުތަކެއް ކަމަށްވާތީ، އެ ހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

"މި ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން ވާހަކަ ދެންނެވީމެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، މިވަގުތު މިނިސްޓްރީން ދެމުންދާ އާންމު ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެ ހިދުމަތްތައް އަލުން ފެށޭނެ ތާރީހެއް ކަނޑައެޅުމަށްފަހު، އެކަން މިނިސްޓްރީން ވަގުތުން އިއުލާންކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިޔާ ދެންމެ ބުނީ، މިހާރު އަލިފާން ކޮންޓްރޯލުކޮށްފައިވާ ކަމަށެވެ.