ޔަންމާއިން ރާއްޖޭގައި ހަރަކާތްތެރިވާތާ 50 އަހަރު ފާހަގަކުރުމަށްޓަކައި ޑިސެމްބަރު 8 ވަނަ ދުވަހު ވަރަށް ހާއްސަ ހަފްލާއެއް ހޮޓެލް ޖެންގެ ބޯލްރޫމްގައިވަނީ ބޭއްވިފައެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޖާޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހަރ އެކްސަލަންސީ މިސިޒް ޓަކެއޫޗީ މިދޯރީއެވެ. އިވެންޓްގައި ޔަންމާ ޕަވަރ ޓެކްނޮލޮޖީސްގެ ޑައިރެކްޓަރ، މިސްޓަރ މަސާރޫ ހިރޮސޭ އާއި ޔަންމާ އޭޝިއާގެ މެނޭޖިންގ ޑައިރެކްޓަރ، ޖެކްސަން ޓާން އަދި ޔަންމާގެ އިސް އޮފިޝަލުންވަނީ ބައިވެރިވެފައެވެ. މި ހަފްލާގައި އާރް.އެސް.ޑަބްލިޔު ނުވަތަ އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓައިދޭ ނިޒާމ ވަނީ ތައާރަފުކުރެވިގެން ގޮސްފައެވެ. އާރް.އެސް.ޑަބްލިޔު ނުވަތަ އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓައިދޭ ނިޒާމު ރާއްޖެއަށް ތައާރަފުކުރުމަކީ ދިވެހި ސަރުކާރުގެ އިސްނެންގެވުމެކެވެ. އަދި، މިކަމަށް މަސްވެރިންނަށް ފައިސާ ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މަސްވެރިކަމާބެހޭ ވުޒާރާގެ ގްރާންޓް ޕްރޮގްރާމްގެ ދަށުންނެވެ. އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓައިދޭ ނިޒާމުގެ ސަބަބުން މަސްވެރިން ބާނާ މަސް ތާޒާކޮށް އޭގެ ފެންވަރު ދަށް ނުވާނެހެން ބެހެއްޓުމަށް މަގުފަހިކޮށްދޭނެއެވެ. އަދި، މިކަމުގެ ސަބަބުން މަސްވެރިންނަށް މަހުގެ ހަމައަގު ލިބި އާމްދަނީ އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ޑިސެމްބަރު 10 ނުވަތަ މަސްވެރިންގެ ދުވަހު ހާއްސަ ފޯރަމެއް އޮޑިވެރިޔާ ފޯރަމް ނަމުގައި ދަރުބާރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޔަންމާއިން ރާއްޖޭގައި ހަރަކާތްތެރިވާތާ 50 އަހަރު ފާހަގަކުރުމަށްޓަކައި ބޭއްވުނު ހަފްލާގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަހްމަދު ސައުދީ ވަނީ ދިވެހި މަސްވެރިންނާއި އޮޑިވެރިންގެ ވަރަށް ބޮޑު އެދުމެއް ހިއްސާކުރައްވައިފައެވެ. އެގޮތުން، ކަސްޓަމަރަށް އިންޖީނު ލިބުމާ ދޭތެރޭގައި ހޭދަވާ 6 މަހާއި 7 މަހުގެ މުއްދަތު އެއަށްވުރެ ކުޑަވާނެގޮތެއް ހައްދަވައިދެއްވުމަށް ޔަންމާގެ އިސްވެރިންގެ އަރިހުގައި ވަނީ އެދިފައެވެ. އަދި، ޔަންމާގެ ފަރާތުން ހަފްލާގައި ވާހަކަފުޅުދެއްކެވި ޔަންމާ އޭޝިއާގެ މެނޭޖިންގ ޑައިރެކްޓަރ ޖެކްސަން ޓާންގެ ވާހަކަފުޅުގައި ވަނީ މިކަމަށް ޖަވާބުދެއްވާފެއެވެ. އެގޮތުން، ދިވެހި މަސްވެރިންގެ އެދުމާ އެއްގޮތަށް މުއްދަތު ކުޑަކޮށްދިނުމަށް ޔަންމާއިން ކުރެވެން ހުރި ކަންކަން ބައްލަވާނެކަމަށް ޖެކްސަން ޓާން ވަނީ ވިދާޅުވެފައެވެ.
ޔަންމާއަކީ ޒަމާނުއްސުރެ ރާއްޖޭގައި މަޝްހޫރު ނަމެކެވެ. އަދި ހާއްސަކޮށް މަސްވެރިންނާއި އޮޑިވެރިންގެ ތެރޭގައި ފަރިތަ ނަމެކެވެ. ރާއްޖޭގެ މަސްކަނޑުތަކުގައި އެންމެ ފުރަތަމަ ޔަންމާ އިންޖީނު އެޅި ދޯންޏެއް ބޭލީ 1974 ވަނަ އަހަރު "އުއްމީދު" ދޯނި ނަގިލި ނަގައި ދަތުރަށް ފުރި ހިސާބުންނެވެ. "އުއްމީދު" ދޯނީގެ އުއްމީދީ މި ދަތުރު ވެގެން ދިޔައީ ދިވެހިރާއްޖެ އާއި ޔަންމާ ކުރިއަށްއޮތް 5 އަހަރަށް ގުޅުވާލަދިން ދަތުރަކަށެވެ. އާދެ! މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ޔަންމާ އިންޖީނު ރާއްޖެއަށް ތައާރަފުކޮށް، ހަރަކާތްތެރިވާތާ 50 އަހަރު ފުރޭ ހާއްސަ މުނާސަބަތެވެ.
1970 ގެ އަހަރުތަކަކީ ދިވެހިން އިންޖީނުލީ އޮޑިފަހާރާއި އެހާ ފަރިތަ ދުވަސްކޮޅަކަށް ނުވުމާއެކު، ޔަންމާ އިންޖީނަށް ދިވެހި މަސްވެރިންގެ ފަރާތުން އެންމެ އެދެވޭ ތަރުހީބެއް އެންމެ ފުރަތަމަކޮޅު ލިބިގެނެއް ނުދިޔައެވެ. ނަމަވެސް ޔަންމާ އިންޖީނުގެ އަވަސްކަމާއި ކުޅަދާނަކަމާއި އެ އިންޖީނުން ލިބިދޭ ގިނަގުނަ ލުއިފަސޭހަތައް ވިސްނުނު ހިސާބުން، ޔަންމާ އިންޖީނުގެ ތަރުހީބު މަސްވެރީންނާއި އޮޑިވެރިން ތެރޭގައި ބޮޑުވާން ފެށީ ފަތުއަޑު ކިޔާފައެވެ. ހާއްސަގޮތެއްގައި 1977 އާއި 1978 އަށްވަނަ އަހަރާ ދޭތެރޭ ޔަންމާ އިންޖީނު އަޅައިދިނުމަށް އެދޭ އޮޑިވެރިންނާއި މަސްވެރިން ގިނަކަމާއެކު އެ އެންމެނަށް އިޖާބަދިނުން އޭރުގެ ސަރުކާރަށް ވެގެން ދިޔައީ ދަތި ކަމަކަށެވެ. އަދި 1979 ވަނަ އަހަރު، 500 ދޯނީގައި އިންޖީނު އަޅައި، އިންޖީނު މަރާމާތު ކުރާ 5 ސެންޓަރެއް ގާއިމުކޮށް، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ވޯލްޑް ބޭންކުގެ މާލީ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިވަޑައިގެން އެ އެހީތެރިކަން ލިބިގެން ދިޔައެވެ. ކާމިޔާބު މި މަޝްރޫއުގެ ދަށުން، 1981 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، 903 ދޯނީގައި ޔަންމާ އިންޖީނު އަޅައި ނިންމިއެވެ.
1980 ވަނަ އަހަރަކީ ރައްޔިތުންގެ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އާދެ، އާއްމު ނަމުންނަމަ އެމްޓީސީސީ، އުފަންވެ ވުޖޫދަށް ގެނެވުނު އަހަރަށެވެ. އެ ހިސާބުން އޮޑިދޯނި ފަހަރުގައި ޔަންމާ އިންޖީނު އެޅުމުގެ މަސައްކަތް ދިވެހި ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރެއްވިއެވެ. މިކަން ވެގެން ދިޔައީ ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނުވި ކަމަކަށެވެ. އޮޑިވެރިންނަށް ފަސޭހައިން އިންޖީނު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާއި އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްތައް މިއާއެކު ފެށިގެންދިޔައެވެ. މިގޮތުން، ޔަންމާ އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސެންޓަރުތައް ގާއިމުކުރުމަށްޓަކައި، ފަންނީ މީހުން ރާއްޖެއާއި ޖަޕާނުން ތަމްރީން ކުރެވުނެވެ. މީގެ އިތުރުން، ޔަންމާ އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް އާއި ކަނޑުގައި ދުއްވާ އުޅަނދުތަކަށް ބޭނުންވާ އަޑީތެލާއި އެފަދަ އެހެން ތަކެތި ރާއްޖެއިން ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަން ފާހަގަކޮށް، އެމްޓީސީސީން އެފަދަ ތަކެތި ލިބޭނޭ އިންތިޒާމު ހަމަޖެއްސުނެވެ. ހެޔޮ އަގުގައި މިފަދަ ތަކެތި ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެމްޓީސީސީއަކީ، ރާއްޖޭގެ ޔަންމާ އިންޖީނުގެ ޑިސްޓްރިބިއުޓަރގެ ގޮތުގައި 1987 ވަނަ އަހަރު ކަނޑައެޅުނެވެ.
ވޭތުވެދިޔަ 5 އަހަރުތެރޭ ޔަންމާ އިންޖީނުގެ އެކި މޮޑެލްތަކާ ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުމަށް އެމްޓީސީސީން ގިނަގުނަ މަސައްކަތްތަކެއްކޮށް ހަރަކާތްތަކެއް ވަނީ ހިންގައިފައެވެ. އެމްޓީސީސީ "ކަށަވަރު ޝޯރޫމް" އިން ޔަންމާ އިންޖީނު އަބަދުވެސް ހެޔޮ އަގެއްގައި އާއްމުންނަށް ލިބެން ހުރެއެވެ. ރާއްޖޭގެ މަސްވެރި އުޅަނދުތަކުގެ ސައިޒް 50 ފޫޓުން 120 ފޫޓަށް ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ޔަންމާ އިންޖީނުގެ ޑިމާންޑް ރާއްޖޭގެ ބާޒާރުގައި އުތުރިގެން ދިޔައެވެ. ޔަންމާ އިންޖީނަށް އޮތް ތަރުހީބު ކިތަންމެ ބޮޑުވެގެން ދިޔަނަމަވެސް، އެމްޓީސީސީން ދިޔައީ އަބަދުވެސް މި ތަރުހީބާ އެއްވަރަށް އިންޖީނު އޮޑިވެރިންނަށް ފޯރުކޮށްދެމުންނެވެ. ނަތީޖާއެއްގެ ގޮތުން، މިހާރު ރާއްޖޭގެ މަސްވެރި އުޅަނދުތަކުގެ 80 ޕަސެންޓަކީ ޔަންމާ އިންޖީނު އަޅާފައިވާ އުޅަނދުތައްކަން އެ ކުންފުނިން ފަހުރުވެރިކަމާއެކު ފާހަގަކުރެއެވެ. ހަމައެހެންމެ، ރާއްޖޭގެ ބާޒާރުގައި އިންބޯޑު އިންޖީނުގެ 74 ޕަސެންޓަކީ މިހާރުވެސް ޔަންމާއެވެ. އެގޮތުން، މިވަގުތުވެސް އެމްޓީސީސީން އަންނަނީ އެއްވަގުތެއްގައި 20 އަށްވުރެ ގިނަ މޮޑެލްގެ ޔަންމާ އިންޖީނަށް ހިދުމަތް ދެމުންނެވެ. އަދި، އެމްޓީސީސީން ވަނީ މިހާތަނަށް ތަފާތު މޮޑެލްތަކާއި ސައިޒްތަކުގެ 7000 އަށްވުރެ ގިނަ ޔަންމާ އިންޖީނާއި 800 އަށްވުރެ ގިނަ ޖެނެރޭޓަރު ބާޒާރުގައި ވިއްކައި ހިދުމަތް ދީފައެވެ. ޝައްކެތްވެސް ނެތެވެ. ޔަންމާ އިންޖީނަކީ އަވަސް ދުވެލީގައި އިތުބާރާއެކު ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާ އިންޖީނެކެވެ.
އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ޔަންމާ ވިޔަފާރި އިތުރަށް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި އާއްމު ރައްޔިތުން، ވޭތުވެދިޔަ 50 އަހަރު ދެގޮތެއް ނުވެ ޔަންމާ އިންޖީނަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. ހަމަގައިމުވެސް، އެމްޓީސީސީގެ އިހުލާސްތެރި ވެރީންނާއި ހީވާގި މުވައްޒަފުން ތިބީ މި އަޒުމުގެ މަތީގައިކަން އެ ކުންފުނިން ކަށަވަރުކޮށްދެއެވެ. މީގެ އިތުރުން، ޖަޕާނު ސަރުކާރާއި ޔަންމާ އޭޝިއާއިން ވޭތުވެދިޔަ 50 އަހަރު ރާއްޖޭގައި ޔަންމާ ވިޔަފާރި ފުޅާކުރެއްވުމަށް ކުރެއްވި ބުރަ މަސައްކަތަށާއި ދެއްވި ނުގުޑާފަދަ އެއްބާރުލުން ރައްޔިތުންގެ ކުންފުންޏާއި، ދިވެހި މަސްވެރީންނާއި، އޮޑިވެރިން އަދި ހުރިހާ ރައްޔިތުން ފާހަގަކުރަނީ ނުހަނު ޝުކުރުވެރިކަމާއެކުއެވެ. މަސްވެރިންނާއި އޮޑިވެރިން އެދެނީ ޔަންމާ އިންޖީނު ބާރު ދުވެލީގައި ދިވެހި ކަނޑުތަކުގައި އަބަދުމެ ޖީލުތަކަކަށް ދުވެލަ ދުވެލާ އޮތުމެވެ.
- އެޑިޓަރުގެ ނޯޓު: މިއީ އެމްޓީސީސީގެ އެޑްވަޓޯރިއަލެކެވެ.
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް