ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ތިން ޓަވަރު އިމާރާތްކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ ކުންފުނީގެ އޭރުގެ މެނެޖިން ޑިރެކްޓަރާއި ފައިނޭންޝަލް ކޮންޓްރޯލަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެބޭފުޅުން ކޮމިޓީއަށް ހާޒިރުުކުރަން ފާސްކުރީ، އެމްޕީއެލްގެ ހިޔާ މަޝްރޫއުގެ ހާއްސަ އޮޑިޓް ރިޕޯޓަށް، ކޮމިޓީން މިއަދު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހުގައެވެ.

އެ އޮޑިޓް ރިޕޯޓަށް ވާހަކަދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެނބަރު އަހުމަދު ނާޒިމް ވިދާޅުވީ، އެ ޕްރޮޖެކްޓުގެ އޮޑިޓް ރިޕޯޓުން މުޅިންވެސް ފެންނަނީ އިހުމާލާއި ހިޔާނާތް ކަމަށެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ މަޝްރޫއަށް ޕްރޮޕޯސަލް ހުށަހަޅަން ހަ ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، ބިޑިން މަރުހަލާގެ ތެރެއިން ބިޑު ސެކިއުރިޓީއެއް ނުނަގައި އަދި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބެހެއްޓީ 10 ޕަސެންޓުގެ ބަދަލުގައި 2.2 ޕަސަންޓެވެ. ކޮންޓްރެކްޓަރުގެ ބީއޯކިޔު ހުށަހެޅީ ގިނަ ފްލޯތަކުގައި ކުލަ ލުމުގެ އަގު ނުހިމަނައި، ވޭރިއޭޝަނާއެކު ކުލަ ލާން ހުރި ހަރަދު އެހެން މަޝްރޫއުތަކަށް ވުރެ ބޮޑެވެ. އަދި ސައިޓު ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެއްބަސްވީ ނަމަވެސް، މަޝްރޫއު ނިމުނީ ފަސް އަހަރާއި ތިން މަހުންނެވެ.

މަޝްރޫއަށް ކޮންސަލްޓަންޓަކު ނެގީ އަމަލީ މަސައްކަތް ފެށިތާ ހަ މަސް ދުވަސް ފަހު ކަމަށާއި، އޮޑިޓުން ކުންފުނިން ކުރި އިންވެސްޓްމަންޓު، ހުރިހާ ފްލެޓުތަކަށް ފައިސާ ދައްކާ ނިމޭއިރު ވެސް އަނބުރާ ނުލިބޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކުންފުނީގެ ކޭޝްފްލޯއިން އެކަމަށް ހަރަދުކުރަން ޖެހުމުން ކުންފުނީގެ އެހެން ކަންކަަމަށް ހުރި ފައިސާ މަދުވެ، ލިބޭ ފައިދާއިން ސަރުކާރަށް ދައްކަން ޖެހޭ ޑިވިޑެންޑު ވެސް ނުދައްކާ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2018 އިން 2022 އަށް އެ ކުންފުނިން ޑިވިޑެންޑުގެ ގޮތުގައި ދައްކަން ޖެހޭ 346 މިލިއަން ރުފިޔާގެ ތެރެއިން 291 މިލިއަން ރުފިޔާ އެ ކުންފުނިން އޮތީ ނުދައްކައެވެ.

މި މައްސަލަަތަކާ ގުޅިގެން އެމްޕީއެލްގެ ކުރީގެ އެމްޑީ އާއި ފައިނޭޝަލް ކޮންޓްރޯލަރު ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ. ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.