މިފްކޯގެ ސީއީއޯކަމުގެ މަގާމަށް ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އައްޔަންކޮށްފިއެވެ.
މިއީ ސަރުކާރުގެ މަސް ކުންފުނީގެ ސީއީއޯކަމުގެ މަގާމަށް ރާއްޖެއިން ބޭރުގެ ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. ވިޓާލީ އެ މަގާމަށް އައްޔަން ކޮށްފައިވާކަން މިފްކޯއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އޭނާ މާދަމާ ހެނދުނު ރަސްމީ މަސައްކަތާ ހަވާލުވެވަޑައިގަންނަވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ވިޓާލީގެ ލިންކްޑްއިން ޕްރޮފައިލްގައި ބުނާ ގޮތުން އޭނާއަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަނުން ޑޮކްޓަރޭޓް އަދި އިކޮނޮމިކްސް ދާއިރާ އިން ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭގެ އިތުރުން އޭނާއަކީ ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ އިތުރުން ތަޖުރިބާކާރު ލޯޔަރެއް ކަމަށްވެސް އޭނާގެ ޕްރޮފައިލްގައި ބުނެފައިވެއެވެ.
އޭނާ އެންމެ ފަހުން މަސައްކަތް ކުރައްވާފައިވަނީ އިންވެސްޓް ކްރޮސް ކެޕިޓަލްގެ ޗީފް ރިސްކް އޮފިސަރެއްގެ މަގާމުގައެވެ. އޭގެ ކުރިން ޔުކްރެއިންގެ ޔުނިވަސިޓީއެއްގެ ފައިނޭންޝަލް އެންޑް އިކޮނޮމިކް ސެކިއުރިޓީ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޕްރޮފެސަރެއްގެ މަގާމާއި ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަމާއި އެޑްވައިޒަރުކަން ކުރައްވާފައިވެއެވެ.
މި ސަރުކާރުގައި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ފުރަތަމަ ހަމަޖެއްސީ އަހުމަދު ޝަމާހު ރަޝީދެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި މި އަހަރުގެ މެއި މަހުގެ ތެރޭ ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ. އެފަހުން މިފްކޯގެ ސީއީއޯގެ މަގާމު އޮތީ ހުސްކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު