ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިރަށް ދިމިޝްގު ދޫކުރައްވައި ފިއްލަވައިފިއެވެ. އޭނާ ވަޑައިގެންނެވި ވަކި ތަނެއް އަދި ނޭގެއެވެ. އިދިކޮޅު ހަގުރާމަވެރިން ވަނީ ދިމިޝްގަށް ވަދެފައެވެ. ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ އުފާފާޅުކުރާ މަންޒަރު ދަނީ ފެންނަމުންނެވެ. ވެރިރަށަށް ވަނުމަށްފަހު ހަގުރާމަވެރިން އިއުލާންކުރިއެވެ. ސީރިޔާގައި މިފެށުނީ އައު ދައުރެކެވެ. މި ދައުރަކީ ބަދަލުހިފުމާއި ހަސަދަވެރިކަން އިސްނުކުރާނެ ދައުރެކެވެ. ދާޚިލީ ހަގުރާމައިގެ ސަބަބުން ސީރިޔާ ދޫކޮށް ގޮސްފައިވާ އެތައް މިލިޔަން ބަޔަކަށް ހަގުރާމަވެރިން ގޮވައިލީ ސީރިޔާ އަލުން ބިނާކުރުމަށް އެނބުރި އައުމަށެވެ. ކޮންމެއަކަސް ދިމިޝްގުން މިވަގުތު ފެންނަމުންދާ މަންޒަރުތަކުން އެއްކަމެއް ވަރަށް ސާފެވެ. ރައީސް ބައްޝާރުގެ ވެރިކަން ނިމިއްޖެއެވެ. ބައްޝާރު ވަޑައިގެންނެވި ތަނެއް ނޭގުނަސް އޭނާގެ ބޮޑުވަޒީރު މުހައްމަދު ޖަލާލީ ހުންނެވީ ދިމިޝްގުގައެވެ. އިދިކޮޅު ހަގުރާމަވެރިންނަށް އޭނާ ގެންދަވަނީ އެއްބާރުލުން ދެއްވަމުންނެވެ.
ސަރުކާރުގެ އެއްވެސް އިދާރާއަކަށް ނުވަނުމަށާއި ލޫޓުވުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ހަގުރާމަވެރިންނަށް ވަނީ އަމުރު ކުރެވިފައެވެ. ސީރިޔާގެ ވެރިކަމުގައި ބައްޝާރުލް އަސަދު ހުންނަވާތާ ގާތްގަޑަކަށް ފަންސަވީސް އަހަރު ވެއްޖެއެވެ. ސީރިޔާގައި 2011 ވަނަ އަހަރުން ފެށިގެން ހިނގަމުންދަނީ ދާޚިލީ ހަނގުރާމައެވެ. މިއީ ވެރިކަމުން ބައްޝާރު ދުރުކުރުމަށްޓަކައި ފެށުނު ހަނގުރާމައެކެވެ. ބައްޝާރުގެ ވެރިކަން ދެންއެއޮތީ ނިމިފައިކަމަށް އެންމެންވެސް ހީކޮށްގެން ތިއްބާ 2016 ވަނަ އަހަރުން ފެށިގެން މަންޒަރު ބަދަލުވިއެވެ. ރަޝިޔާއާއި އީރާން އަދި ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތުން މި ހަގުރާމައިގެ ތެރެއަށްވަދެ ރައީސް ބައްޝާރު ސަލާމަތްކޮށްދިނީއެވެ. ބޮޑެތި ސަހަރުތަކުން ހަގުރާމަވެރިން ފައްސައިލީއެވެ. މިހިސާބުން ދެން ދުނިޔެއިން ހީކުރީ ހަގުރާމަވެރިންނަށް ދެން ހިންދެމިލެވޭނެ ޖާގައެއް ނުލިބޭނެ ކަމުގައެވެ. މިހެން ހީކޮށްގެން ތިއްބައި ހަމަ ކުއްލިއަކަށް ހަގުރާމަވެރިން ހިންދެމިލައިފިއެވެ.
ވީނުވީއެއްވެސް އަންގާނުލައި ވިދުވަރެއްހައި ހަލުވިކޮށް ކުރިއަރައި ދިމިޝްގުވެސް ހިފައިފިއެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިވީ ކިހިނެއް ހެއްޔެވެ. ރަޝިޔާ ސިފައިން ކޮބައި ހެއްޔެވެ. އީރާނުގެ މުޝީރުންނާއި ހަތިޔާރު ކޮބައި ހެއްޔެވެ. ހިޒްބު ﷲ ގެ ހަގުރާމަވެރިން ކޮބައި ހެއްޔެވެ. އެއްވެސް ކަމެއް ނުކޮށް އެމީހުން ހަމަ ބަލަހައްޓައިގެން ތިބީހެއްޔެވެ. މީގެ 8 އަހަރު ކުރިން ހަގުރާމަވެރިން ބަލިވީ ރަޝިޔާގެ ސިފައިން ދިން ވައިގެ ހަމަލާތަކާއި އީރާނާއި ހިޒްބު ﷲ އިން އެއްގަމުގައި ހިންގި ހަރަކާތްތަކުންނެވެ. ރައީސް ބައްޝާރުގެ ސިފައިންގެ މޮޅުކަމަކުން ނޫނެވެ. ފާއިތުވި ދުވަސްތަކުގައި ބައްޝާރަށް ވެރިކަމުގައި ހުންނެވުނީ ރަޝިޔާ އާއި އީރާނުގެ އެހީތެރިކަމުގައެވެ. އެކަމަކު މިހާރު މަންޒަރު ވަނީ ބަދަލުވެފައެވެ. ޔުކްރޭނުގެ ހަގުރާމައިގެ ސަބަބުން ރަޝިޔާ އެއޮތީ އެހެން ކަމެއްކުރެވޭ ވަރަށްވުރެ ބޮޑަށް ލޮޑުވެފައެވެ. ރަޝިޔާގެ ސިފައިންނާއި ހަތިޔާރު މާދުރުގައިވާ ގައުމެއްގައި ބައިތިއްބައިގެން އެހެންކަމެއްގައި ޝާމިލްވެގެން ތިބެވޭވަރަށްވުރެ ރަޝިޔާގެ ހާލަތުވެސް އޮތީ ގޯސްކޮށެވެ.
ދެންއޮތީ ލުބުނާނުގެ ހިޒްބު ﷲ އެވެ. ސީރިޔާގައި ހަގުރާމަވެރިން ބައިތިއްބައިގެން މީގެކުރިން ހަގުރާމަކުރި ގޮތަށް މިހާރު އެކަން ކުރެވޭކަށެއް ނެތެވެ. ލުބުނާނުގެ ދެކުނުގައި އިޒްރޭލް ސިފައިންނާ ދެކޮޅަށް ހަގުރާމަކުރަން ޖެހުމުގެ ސަބަބުންނެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު ހަގުރާމައިގެ ސަބަބުން ހިޒްބު ﷲ ގެ ބާރުވަނީ ހީނަރުވެފައެވެ. އިޒްރޭލުގެ ހަމަލާތަކުގައި ހިޒްބު ﷲ ޖަމާއަތުގެ ގިނަ ލީޑަރުން ވަނީ ޝަހީދުވެފައެވެ. އެހެންވީމާ ކުރިން ދެއްކި ހިތްވަރު އެބީދައިން ތަކުރާރު ކުރެވޭނޭ ގޮތެއް ނެތެވެ. ދެންއޮތީ އީރާނެވެ. ޔަމަނުގެ ހޫސީންނާއި ލުބުނާނުގެ ހިޒްބު ﷲ އާއި ފަލަސްތީނުގެ ހަމާސްއަށް މަދަދު ކުރަމުން އައީ އީރާނުންނެވެ. ސީރިޔާގެ ސަރުކާރަށްވެސް މަދަދު ކުރަމުން އައީ އީރާނުންނެވެ. އަދި އިރާގުގެ ތަފާތު އެތަކެއް ޖަމާއަތަށް ވާގިވެރިވަމުން ގެންދަނީވެސް އީރާނުންނެވެ. މި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން އީރާނުގެ ވަސީލަތްތައް ވަނީ ގާތްގަޑަކަށް ހުސްވާ ހިސާބުގައެވެ.
އިޒްރޭލާއި އީރާނާ ދެމެދުގައިވެސް ދޭތެރެ ދޭތެރެއިން ސީދާ ހަމަލާތަކެއް ބަދަލުކުރެވި އީރާނުގެ އަމިއްލަ ސަލާމަތަށް ދޭންޖެހޭ ސަމާލުކަން ވަނީ މާބޮޑަށްވެސް އިތުރުވެފައެވެ. މިކަންކަން މިހެން އޮތީމާ ސީރިޔާގައި މާބޮޑު ކަމެއްކުރެވޭހައި ފުރުސަތެެއް މިހާރު އީރާނަކަަށް ނެތެވެ. ހުސްވި ނޮވެމްބަރު މަހުގެ ފަހުކޮޅު ސީރިޔާގެ ހަގުރާމަވެރިން އެގައުމުގެ އުތުރުގެ ހަލަބަށް ވަދެގަތީމާ ރަޝިޔާގެ ވައިގެ ބާރުތަކުން ކޮންމެވެސް ވަރަކަަށް ވައިގެ ހަމަލާތަކެއް ދިނެވެ. ދެން ފެނުނީ ސީރިޔާގައިވާ ރޫސީ ސިފައިންނާއި ހަތިޔާރާއި މަތިންދާބޯޓާއި މަނަވަރުތައް އަލުން ރަޝިޔާއަށް ގެންދަންފެށި މަންޒަރެވެ. ރައީސް ބައްޝާރުގެ ވެރިކަން ނިމުނުއިރު ރަޝިޔާގެ ސިފައިންނާއި ހަތިޔާރުވެސް ވަނީ ގާތްގަޑަކަށް ގެންގޮސް ނިމިފައެވެ. އީރާނާއި ލުބުނާނުގެ އަސްކަރީ ބައެއް ޓީމުތަކަށް ލަނޑުވެސް ވަނީ ލިބިފައެވެ. އިދިކޮޅު ހަގުރާމަވެރިންގެ ކުރިއެރުން އަވަސްކަމުން ސަލާމަތްވެގެން ބެޗުމުގެ ފުރުސަތު ނުލިބި ހަގުރާމަވެރިންގެ އަތްދަށުގައި ހައްޔަރުވާންވެސް ޖެހިފައިވެއެވެ.
ރަޝިޔާ އާއި އީރާން ފިޔަވައި ދެން ތިބީ ހައްތާވެސް ރައީސް ބައްޝާރާ ދެކޮޅު ގައުމުތަކެވެ. ތުރުކީވިލާތާއި ސައޫދީއަރަބިޔާވެސް ހިމެނޭ ގޮތުންނެވެ. ސީރިޔާގެ ހަގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވަނީވެސް މައިގަޑުގޮތެއްގައި މި ގައުމުތަކުންނެވެ. އެހެންވީމާ ދުނިޔޭގެ އޮޔާއި ވަޔަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން ޑިޕްލޮމަސީގެ ވިޔަފާރިއެއްގެ ގޮތުގައި ސީރިޔާ ބޭނުންކުރުމަކީވެސް މުޅިއަކުން ނުވާނެ ކަމެއް ނޫނެވެ. މުސްތަހީލު ކަމެއް ނޫނެވެ. ސީރިޔާގައި ކަލޭމެން ތިޖަހާ ސަކަރާތް ހުއްޓާލަނިކޮށް އެވެނި މިވެނި ކަމަކަށް ތިމަންނާމެން ރުހިދާނަމޭ ބުނެ ޑީލްއެއްވެސް ހަދައިފާނެއެވެ. މިހުރީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެފައި ހުންނަ ކަންކަމެވެ. ކޮންމެއަކަސް ސީރިޔާގައި އެއޮތީ އައު ދައުރެއް ފެށިފައެވެ. ގުޅިގެން ވެރިކަން ކުރެވޭނޭތޯ، ގައުމު އާރާސްތު ކުރެވޭނޭތޯ އެނގޭނީ މި ދައުރުގައެވެ. ބައްޝާރުގެ ވެރިކަން ނިންމައިލުމަށް ހަގުރާމަވެރިންނަށް ހަތިޔާރުދިން ބީދައިން ސީރިޔާ އާރާސްތުކުރަން ފައިސާދޭން ރުހެނީ ކޮންބައެއްކަންވެސް ދެން ލަސްތަކެއްނުވެ ފެނިދާނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ