އަންނަ ރަމަޟާން މަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ރޯދައިގައި ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވާ އިރު، އަންނަ އަހަރުގެ ރޯދައިގައި ވެސް ބިލުތަކުން ޑިސްކައުންޓު ލިބޭނެކަން ރައީސް އިއުލާންކުރެއްވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

"މި އަންނަ އަހަރުގެ ރަމަޟާން މަސް އަންނަން މާ ގިނަ ދުވަހެއް ނެތް. ވަރަށް މަދު މަސްތަކެއް މިއޮތީ. ހަމަ މިދިޔަ ފަހަރު ދިންހެން ރާއްޖޭގެ ތާރީހުގައި އަލަށް ރޯދަމަހުގެ ޑިސްކައުންޓް އަޅުގަނޑުމެން ބިލުތަކުން ދިނިން. ކަރަންޓާއި ފެނުން. ހަމައެގޮތަށް އަނެއްކާވެސް އެ ޑިސްކައުންޓު ދޭނަން އިރާދަކުރެއްވިއްޔާ. މި އަންނަ އަހަރުވެސް ރޯދަމަހު،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭގެ އިތުރަށް ވެސް ސަރުކާރުން ވީހާވެސް ގިނަ އެހީތެރިކަން ދޭނެ ކަމަށާއި އެހެންވީމާ ކަންކަމުގައި އަތަށް ލުއިކޮށްދީގެން، ހަރަދުތައް ލުއިކޮށްދީ، އާމްދަނީ އިތުރުކޮށްދެވޭނެ ގޮތްގޮތް ހެދިގެންދާނެ ކަމަށެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ މަހުގެ 17 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ، އަންނަ ރޯދަމަހު ކޮންމެ ގޭބިސީއަކަށް ހިލޭ މަސްދަޅު ކޭހެއް ދެއްވާނެ ކަމަށް ވެސް އިއުލާންކުރައްވައިފައެވެ. މިދިޔަ ރޯދަމަހު ވެސް 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

"ކުރިއަށް އޮތް ރަމަޟާން މަހު އަޅުގަނޑުމެން ގަސްދުކުރަނީ އެސްޓީއޯ އެމްޑީއަށް އަޅުގަނޑު ދަންނަވައިފިން ކާޑުގެ ބަދަލުގައި މަސްދަޅު ކޭސް. ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭން،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ މިދިޔަ ރޯދަމަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޖުމުލަ 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.