ސަބްސިޑީއެއް، އާސަންދަ އަދި ރިޓަޔަމަންޓް ޕެންޝަނެއް ވެސް ނުކަނޑާނެ ކަމަށާއި ކަމަށާއި އެކަންކަން އިތުރަށް ރަނގަޅުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރު މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމަށާއި އަދި އަންނަ އަހަރު މުސާރަ ބޮޑުނުވާ އެހެން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަތައް 2026 ވަނަ އަހަރު ބޮޑުކޮށްދެއްވާނެ ކަމަށެވެ.
"އެއްވެސް ރައްޔިތަކަށް ލިބެމުންދާ އެއްވެސް ސަބްސިޑިއެއް ވެސް ނުކަނޑާނަން، އާސަންދައެއް ވެސް ނުކަނޑާނަން، ރިޓަޔަމަންޓް ޕެންޝަނެއް ވެސް ނުކަނޑާނަން. އަދި އެއަށްވުރެ ރަނގަޅުކޮށްދޭނީ އަޅުގަނޑު އިއުލާންކުރި ފަދައިން، މި އަންނަ އަހަރު މިހާތަނަަށް ޕޭ ހާމައިޒޭޝަންގެ ތެރެއިން މުސާރަ ބޮޑުނުވާ އެހެން ހުރިހާ ސިވިލް ސާވަންޓުންނަށް 2025 ގެ ތެރޭގައި އަޅުގަނޑުމެން މުސާރަ ބޮޑުކުރަން އެއޮތީ ނިންމާފައި. އަދި ޖުޑިޝަރީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ލިބެމުންދާ އެއްވެސް އެއްޗެއް އުނިނުކޮށް، އާމްދަނީ އިތުރުކޮށްދެއްވާނެ ކަމަށާއި ފައިސާ ޗާޕުނުކޮށް، ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ގައުމަށް އިގުތިސާދީ ގޮތުން ތަރައްގީ ގެނެސްދެމުން، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގަމުން ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ބޭކާރުވަމުންދާ ނާޖާއިޒު ގޮތުގައި ކުރަމުންދާ ހަރަދުތައް ހުއްޓާލައި އުނިކުރަމުންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިސާލަކަށް ބޭހުގެ ވިޔަފާރީގެ ތެރޭގައި އުޅެމުންދާ އެތައް ބަޔަކު އުޅޭ، އާސަންދައިގެ ތެރެއިން އެތައް ސަތޭކަ ޕަސަންޓެއްގެ ޕްރޮފިޓް ލާފައި ބޭސް ވިއްކަމުންދާ ފަރާތްތައް. އެކަން ހުއްޓުވަން އެބަ. އެއީ ރައްޔިތުންނަށް އުނދަގުލެއް ވާކަމެއް ނޫން. ރައްޔިތުންނަށް ލިބެމުންދާ އެއްވެސް އާސަންދައެއް ވެސް އުންޏެއް ނުވާނެ. އެކަމަކު މި ދެންނެވި ގޮތަށް ވަރަށް ގިނަވާނެ، ތިބޭފުޅުންނަށް ވެސް ފާހަގަވެވަޑައިގަންނަވާނެ ކުޑަކުޑަ 12 ފޫޓު، 13 ފޫޓު ތަންކޮޅެއްގައި ބޭސްފިހާރައެއް ހުޅުވާލާ މީހަކު، މަސްދޯނި އެއްޗެހި ގަނެލާނެ. ނޫނީ ބޮޑެތި ގޭގެ ހަދާތަން ފެންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައެއް ބޭހުން އާސަންދައަށް 1000 ޕަސަންޓަށްވުރެ ވެސް ބޮޑު ޕްރޮފިޓް ލާފައި ބިލުކުރާ ކަމަށާއި އެންމެ ގިނައިން ވިއްކޭ 250 ބޭހަށް އެކަނި ބެލީމަ ވެސް އެކަން އޮތީ އެހެން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން މި ހެދި ގޮތަކީ އެބައިތައް ކުޑަކޮށްލީ، އެސްޓީއޯގެ ރޭޓުގައި އެ ހުރިހާ ބޭހެއް އެސްޓީއޯ ލައްވައި، ނޫނީ ސަރުކާރުން އެކަމުގެ ތެރެއަށް އިންޓަވީން ކޮށްގެން، ހަމަ އެ ބޭސްތައް މަދުނުވެ ލިބޭނެ އިންތިޒާމު ގާއިމުކޮށް، ބަލްކް ޕްރޮކިއުމަންޓް ނިޒާމެއްގެ ތެރެއިން، ދުނިޔޭގެ އެންމެ ރަނގަޅު ތަންތަނުން ބޭސްތައް ގެނެވޭނެ ގޮތަށް އެ އޮތީ ކަންކަން ރޭވިފައި. އެހެންވީމާ އެގޮތަށް މި ބަދަލުކުރީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންނަށް އެއްވެސް އެއްޗެއް އުންޏެއް ނުވާނެ ކަމަށާއި އާސަންދަ ރިފޯމާއެކު ވަރަށް ބޮޑުތަނުން އިސްރާފު ކުޑަވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު