އަންނަ އަހަރު އއ. މަތިވެރީގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ މިއަހަރު އެއްވެސް މަޝްރޫއެއް ހިންގިފައި ނުވަނީ މިދިޔަ ސަރުކާރުން ހަދާފައިވާ ބަޖެޓްގެ ތެރެއިން މަޝްރޫއުތައް ހިންގަން ފުރުސަތު ފަހިކޮށްދީފައިނުވާތީ ކަމަށެވެ. މިއަހަރަށް ހަދާފައިވާ ބަޖެޓަކީ ނަމެއްގައި މިދިޔަ ސަރުކާރުން ހަދާފައިވާ ބަޖެޓެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ އެމަނިކުފާނުގެ ވައުދުތައް ފުއްދިގެންދާ ގޮތަށް ފާސްކޮށްފައިވާ ބަޖެޓެއް ކަމަށެވެ. އެގޮތުން މަތިވެރީގައި އަންނަ އަހަރު އެއާޕޯޓެއް ތަރައްގީ ކުރަން ފެށޭނެ ކަމަށެވެ.

"އިގްތިސޯދީ ގޮތުން ބަލާއިރުގައި ވެސް އަދި މި އަތޮޅަށް އަދި މި ދާއިރާއަށް ވެސް މި ސަރަހައްދަށް ވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި، އިގްތިސޯދީ ގޮތުން ދެކޮޅުޖެހޭ އިކޮނޮމިކަލީ ވައިބަލް ކަމެއް މިރަށުގައި އެއާޕޯޓެއް އެޅުމަކީ. އެހެންވީމަ އަންނަ އަހަރު އެންމެ އިސްކަމެއް ދީގެން އަލަށް ފަށާ އެއާޕޯޓް މަޝްރޫއުތަކުގެ ތެރޭގައި މިރަށުގައި އެއާޕޯޓެއް އެޅުން ކުރިއަށް ގެންދާނެކަން ޔަގީންކަމާ އެކު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅުވައިލުމަށްޓަކައި މި ސަރަހައްދުގައި އެއާޕޯޓެއް ތަރައްގީ ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމުން، ރަށުގރ ލޯކަލް ޓޫރިޒަމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށާއި އެހެނިހެން ދާއިރާތަކުންވެސް ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި މިރަށާ ކައިރި ރަށްތަކަށާއި އަތޮޅަށް ވެސް ގިނަ ފައިދާތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރަށު ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ގުޅިގެން ރައްޔިތުންގެ މަޝްވަރާއާ އެކު ކޮންސެޕްޓާއި ޕްލޭން ތައްޔާރުކޮށް އަވަހަށް ނިންމުމަށް އެދިވަޑައިގެންފައެވެ.