އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ތޮއްޑުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ހިދުމަތްކުރުމުގެ ސިޔާސަތުގެ ތެރެއިން، ތޮއްޑޫގައި ތިބެގެން ޑޮލަރު ވިތުޑުރޯ ކުރެވޭނެ ގޮތް ހެދުމަށް ގަސްދުކުރައްވާ ކަމަށެވެ.

"ޑޮލަރުގެ އޭޓީއެމްއެއް އިރާދަކުރެއްވިއްޔާ ގާއިމުކޮށްދޭނަން. އެހެންވީމާ، ލޯކަލް ބޭންކިން، ރުފިޔާ އަދި ޑޮލަރު، އެ ރަށެއްގެ ރައްޔިތުންނަށް، އެ ރަށެއްގެ އާމްދަނީން ލިބޭނެގޮތަށް ހެދުން. މި ރަށަށް ވެއްޖެއްޔާ ޑޮލަރުގެ އާމްދަނީ ވަރަށް ބޮޑަށް ލިބޭ ރަށެއްވީމާ، ޑޮލަރުގެ އޭޓީއެމްއެއް ގާއިމުކޮށްދޭނަން. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ރުފިޔާގެ އޭޓީއެމް ގާއިމުކުރުމުގެ މަޝްރޫއު އެ އޮތީ ފެށިފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ތޮއްޑޫގައި 50 އެއްހާ ގެސްޓްހައުސް އެބަހުރި ކަމަށާއި އިތުރު ގާތްގަނޑަކަށް 40 އަކަށް މަޝްރޫއު ކުރިއަށްދާ ކަމަށެވެ. އެހެންވީމާ އެއް ރަށެއްގައި، ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަސް ތެރޭގައި 3000 އެއްހާ ޓޫރިސްޓުން ގެނެވޭހާ ލޯކަލް ޓޫރިޒަމްގެ އިންޑަސްޓްރީއެއް އުފެދެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހައިލެވިގެން، ތަރުތީބެއްގެ ތެރެއިން، އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކާ އެއްގޮތަށް އަމަލީގޮތުން މަސައްކަތްތައް ފަށައި، އެކި މަޝްރޫއުތައް ނިމެމުންވެސްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ، ތާވަލު ކުރެވިގެން، ތަރުތީބެއްގެ ތެރެއިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. މިއީ މިކަން މިއަދާ ހަމައަށް މިއައި ގޮތަކީ. މިއީ ފޮރުވުމެއް ނެތް ހަގީގަތެއް. އެހެންވީމާ، މަގު ހެދުމުގެ މަޝްރޫއު، ސްކޫލުގެ އެކްސްޕޭންޝަން، ސިއްހީ މަރުކަޒު ތަރައްގީކޮށް ބޮޑުކުރުން، ކުނި މެނޭޖުކުރުމުގެ މަސައްކަތް. މިފަދަ ކަންކަމަކީ މި ރަށަށް ކޮންމެހެން ބޭނުން ޖެހިފައި ހުރި ކަންކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުނި މެނޭޖް ކުރުމަށްޓަކައި ސަރުކާރުން ވިސްނާފައި އޮތް ގޮތަކީ، މުޅި ރާއްޖޭގައިވެސް ވަރަށް ކޮންސޮލިޑޭޓަޑް ގޮތެއްގައި، ނޫނީ އެކުއެކީގައި ގެންދެވޭ ރީޖަންތަކަކަށް ބަހައިލެވިގެން، ދައުލަތަށް ލިބޭ ގްރީން ޓެކްސްގެ ބޭނުން ހިފައިގެން، ކުނި މެނޭޖް ކުރުމުގެ މަޝްރޫއުތައް ކުރިއަށްގެންދިއުން ކަމަށެވެ. އަދި ތަރައްގީގެ އެ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.