އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް، ޑިބްލިޔުޑީސީ އުވާނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ އއ. އުކުޅަހު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ޑަބްލިޔުޑީސީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވައެއް ނުލާނަން. އެ ކޮމިޓީތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ އއ. އަތޮޅު ކައުންސިލު އިދާރާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އުކުޅަހު ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރި ކަމަށާއި އޭގެ އިތުރުން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގައި މަގުފަހިކޮށްދިނުމަށް ސަރުކާރުން ކަމާގުޅޭ މުއައްސަސާތަކާއެކު ކުރާ މަސައްކަތްތައް ކައުންސިލާ ރައީސް ހިއްސާކުރައްވާފައިވާ ކަމަށެވެ.

އއ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުކުޅަހުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވައިފައެވެ.