ކޮންގޯގައި ގޮތްނޭނގޭ ހުމެއް ފެތުރެން ފަށާފައިވާކަމަށާއި މިހާތަނަށް 79 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެފްރިކާގެ ކޮންގޯގެ ކްވަންގޫ ގޮތްނޭނގޭ އެ ބަލި ބާރަށް ފެތުރެމުންދާ ކަމަށާއި މިހާތަނަށް ބަލީގެ އަލާމަތްތައް ހުރި 300 މީހުން ފާހަގަވެފައިވާ ކަމަށްވެސް އެގައުމުގެ ސިއްހީ އިދާރާއިން ބުނެއެވެ.

ހުން އައުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ކެއްސައި ނޭވާއަށް އުނދަގޫވުން ފަދަ އަލާމާތްތައް ފެނިފައިވާކަމަށް ވެސް ސިއްހީ އޮފިޝަލުން ބުނެއެވެ.

މަރުވެފައިވާ 79 މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 15 އަހަރާއި 18 އަހަރުގެ ކުޑަކުދީން ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. މި ބަލީގެ އަސްލު ހޯދުމަށާއި ބަލީގެ ހާލަތު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތާބެހޭ މައި ޖަމިއްޔާ، ޑަބްލިޔުއެޗްހޯ ގެ ޓީމެއް އެ ގައުމަށް ފޮނުވާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެމެރިކާގެ ސެންޓަފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަންގެ އޮފީހެއް ކޮންގޯގައި ހުންނައިރު އެ އޮފީހުން ވެސް އެގައުމުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި ބަލި ފެތުރޭ ސަރަހައްދަށް ހާއްސަ ޓީމެއް ފޮނުވާފައިވާކަމަށް ބުނެފައިވެއެވެ.