ޗައިނާގެ މަސްބޯޓެއް ސޯމާލިއާ ޕައިރެޓުން ހިފައިފިއެވެ.

ޗައިނާއަށް ނިސްބަތް ވާ އެމަސްބޯޓު ސޯމާލިއާގެ ޕައިރެޓުން ހިފައިފައިވާކަން ޔޫރަޕިއަން ޔޫނިއަންގެ އެންޓި ޕައިރެސީ ފޯސް އިން ވަނީ ބުނެފައެވެ.

ސޯމާލިއާގެ ޕައިރެޓުން ހަތިޔާރާއެކީ އެ މަސްބޯޓަށް އަރައި ބޯޓު ހިފައިފައިވާއިރު އެ ބޯޓުގައި 18 މަސްވެރިން ހަރަކާތްތެރިވެފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ އެންޓި ޕައިރެސީ ފޯސް އިން ނެރެފައިވާ ބަޔާނުގައި ވެއެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ބޯޓުގެ އެއްވެސް ފަޅުވެރިޔަކަށް އަނިޔާއެއް ވެފައިވާކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސޯމާލިއާގެ ޕައިރެޓުން ޗައިނާގެ ބޯޓު ހައިޖެކް ކުރި މައްސަލައިގައި ޗައިނާއިން އަދި މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެފްރިކާގެ ޖިބޫޓީގައި ޗައިނާގެ މިލިޓަރީ ބޭހެއް އޮތް ނަަމަވެސް އެ ގައުމުން އެފްރިކާގައި ހިންގާ މިލިޓަރީ އޮޕަރޭޝަން ތައް މަދުވެފައިވުމާއެކު ބޯޓު ސަލާމަތް ކުރުމަށް ޗައިނާއިން ކުރާ މަސައްކަތުގެ ތަފުސީލެއްވެސް ލިބިފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.