މިއަދުގެ ހާލަތު ތަފާތު ކަމަށާއި މިއަދު ހައިބްރިޑް ހަނގުރާމައިން ދިފާއުވުމަށް ތަމްރީނުތައްދީ، ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދޭން އެބަޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާއެކު މިއަދު މިދަނީ ގައުމީ މަސްލަހަތަށްޓަކައި ކަމާބެހޭ އެންމެހާ ފަރާތްތަކާއި ގައުމީ މަސްލަހަތުވެރިންނާއި އެކުވެރި ގުޅުންތަކާއެކު އުހުވަތްތެރިކަމުގެ ވިއުގައެއް ގާއިމުކުރައްވަމުން ކަމަށެވެ.
"މިއަދު ހައިބްރިޑް ހަނގުރާމައިން ދަފަރާވާން އަޅުގަނޑުމެން ކުރަން ޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރި. ސައިބާ ރައްކާތެރިކަމުގެ ތަމްރީނުތައްދީ، ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދޭން އެބަޖެހޭ. އެކި ގޮތްގޮތުން ފެތުރޭ ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތްކުރަން މިއަދު މިވަނީ މަޖުބޫރުވެފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ އަދުގެ ދުނިޔެ ހަމައެކަނި ތޮޅެނީ ލޮންސި އާއި ކަނޑިބަޑި އަދި ބޮމަކުން ނޫން ކަމަށާއި މިއަދު ތޮޅެނީ ފިކުރީގޮތުން ކަމަށެވެ. އަދި މިއަދު ހަނގުރާމަތައްކޮށް، ގައުމުތައް ސުންނާފަތި ކުރުމުގައި ބޭނުން ހިފަނީ ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކުރިއަރަމުން އަންނަ ފަންނިއްޔާތު، ޓެކްނޮލޮޖީގެ ތެރެއިން އިންސާނުން ނަފްސު އެބަ ތޮޅޭ. މިހެންކަމުން މިއަދު އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވަނީ މިފަދަ ނުރައްކާތަކުން ދަފަރާވުމުގެ މައްޗަށް. މިއަދު އަޅުގަނޑުމެން ވިސްނުންތަކާ ކުޅެ، ނަފުރަތާއި ރުޅިވެރިކަން އުފައްދަން އިންޓަނެޓުގެ ޒަރިއްޔާއިން ހަމަލާ އެބަދޭ. ދޮގު މައުލޫމާތު ފެތުރުމާއި އިގުތިސާދީ ފިއްތުންތައް ކުރިމަތިކުރުމާއި ސިޔާސީ ހަލަބޮލިކަން އިތުރުކުރުމާއި އަދި ސަގާފީ ނުފޫޒުގެ ތެރެއިން ތޮޅެމުންދަނީ ގައުމުތަކުގެ ގައުމިއްޔަތާއި އިޖުތިމާއީ ފިކުރުތަކާއި އިގުތިސާދީ ތަސައްވުރުތަކާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު އިތުރަށް ރައީސް ވިދާޅުވީ ކައްޗަރީ ހަނގުރާމައިގެ ނުފޫޒުތައް ފެތުރުމަކީ ގައުމެއްގެ އިޖުތިމާއީ ބިނާރަށް ތާއަބަށް ދެވޭ ގެއްލުމެއް ކަމަށާއި އޭގެ ސަބަބުން އިޖުތިމާއީ އެއްބައިވަންތަކަމާއި އިގުތިސާދީ ހަމަޖެހުން ގެއްލުންވެ، މިފަދަ ހަނގުރާމައިގައި ފަތުރާ ދޮގު މައުލޫމާތުތައް އެތައް ޒަމާނަކަށް ފެތުރޭ ކަމަށެވެ. އަދި އެފަދަ އިގުތިސާދީ ޒަހަމުތަކަކީ ގައުމު ބައިބައިވެ، ގައުމީވަންތަކަން ބަލިކަށިވެ، ރައްޔިތުންގެ މެދުގައި ގައުމީ މަސްލަހަތާއި އޮންނަ އިތުބާރު ފުނޑުފުނޑުވެ، އެކަން ދާއިމަށް ދެމިގެން ހިނގައިދާނެ ފަދަ ބިރުވެރިކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު