ދޮންބަންޑާރައިންގެ ޖިހާދާއި ރީތި އަހުލާގަކީ މިއަދު ލިބިގަންނަވަނި އެންމެ އަގުހުރި ފިލާވަޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރަވީ ދުވަހަކީ ގައުމަށް އަމާނާތްތެރިވުމާއި ގައުމަށް ހިޔާނާތްތެރިވުމުގެ މިސާލު ފެންނަ ދުވަސް ކަމަށެވެ.

"ދުވަހުގެ ބަތަލް ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި ރީތި އަހުލާގަކީ މިއަދު ލިބިގަންނަވި އެންމެ އަގުހުރި ފިލާވަޅެވެ،" ރައީސް ވިދާޅުވިއެވެ.

ހުރަވީ ދުވަސް ފާހަގަކުރަމުން ދަނީ ހިޖުރީގޮތުން 1166 ގެ ސަފަރު މަހުގެ 13 ވަނަ ދުވަހު މަލަބާރީން ނުވަތަ ހޮޅިންގެ ލަޝްކަރެއް ރާއްޖެ އަރައި ތަހުތުގައި އިންނެވި ރަދުން ހައްޔަރުކޮށް އެމީހުންގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔަފަހުން އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވި ދުވަހުގެ މުނާސަބަތުގައެވެ.

މަލާބާރީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވީ ދޮންބަންޑާރައިންނެވެ. ހިޖުރައިން 3 ޖުމާދަލްއާޚިރު 1166 މިލާދުން 7 އޭޕްރީލް 1753 ވީ އާދިއްތަ ވިލޭރޭ މެންދަމު މަލާބާރީންގެ ވެރިކަމުގެ މަރުކަޒު ކަމަށް ހެދި ވެޔޮދޮށު ގަނޑުވަރަށް ދޮންބަންޑާރައިން، އެކުވެރީންނާ އެކު ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވާ އެމީހުން ބަލި ކުރެއްވިއެވެ.

އެ ދުވަހަށް ހުރަވީ ދުވަހުގެ ނަމުން ނަންދެވިފައިވަނީ މަލާބާރީންގެ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތް ކުރެއްވުމުގައި އިސްވެ ޖިހާދު ކުރެއްވި ގައުމީ ބަތަލު، ދޮންބަންޑާރައިންނަކީ، ހުރަވީ ހާންދާނުގެ ބޭފުޅަކަށް ވާތީއެވެ.