ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ހަރުކުރާ އިތުރު ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު (277.6 މިލިއަން ރުފިޔާ) ހޭދަވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އެކަމަށްޓަކައި ވަނީ 200 މިލިއަން ރުފިޔާ ހިމަނައިފައެވެ

އެ ލިފްޓްތައް ހަރުކުމުގެ މަސައްކަތް އޭޕްރީލް 18 ގައި ފަށައިގެން ކުރިއަށްދާ އިރު، އެ މަސައްކަތް ހަވާލު ކޮށްފައިވަނީ، ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ހަނދިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ހިޔާގެ 16 ޓަވަރުގައި ހަރުކުރުމަށް 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ.

އެ ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު މަސައްކަތަށް ހޭދަވަނީ ކިހާ ފައިސާ އެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.