ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ރާއްޖެއަށް އެންމެ ފަހުން ދިން ކުރެޑިޓް ރޭޓިން ދެމެހެއްޓިޔަސް، މޫޑީސް އިން ފާހަގަކޮށްފައިވާ ރިސްކުތައް ކުޑަކުރަން އިސްލާހުތައް ތަންފީޒު ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މޫޑީސް އިން ރާއްޖެއަށް އެންމެ ފަހުން ދިން ސީއޭއޭ2 ރޭޓިން ވަނީ ދަމަހައްޓައިފައެވެ. މޫޑީސް އިން އިއްޔެ ނެރުނު ބަޔާނުގައި ކްރެޑިޓް ރޭޓިން ދެމެހެއްޓުމުގައި ބަލައިފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭ އިން އަލަށް ތައާރަފު ކުރި ބޭރު ފައިސާއާބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކުހަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް މޫޑީސް އިން އާންމުކޮށް ޝާއިއުކުރި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިން ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ރާއްޖެ އާއި އިންޑިއާއާ އެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކޮށްފައިވުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުވެގެން ދިއުމާއެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެންދާނެ ކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މޫޑީސްއިން ރޭޓިން ދަމަހައްޓާފައިވަނީ އެމްއެމްއޭއިން ތައާރަފުކުރި ބޭރު ފައިސާގެ ގަވާއިދާއި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އާއި އިންޑިއާއާ އެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއި ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުން ޓޫރިޒަމް ވިޔަފާރިތަކުގެ އާމްދަނީ ބޭންކުތަކަށް ޖަމާކޮށް، މިންވަރެއް މާރުކުރުމުން ބޭންކިން ނިޒާމުގައި ދައުރުކުރާ ޑޮލަރު އިތުރުވާނެ ކަމަށް ބެލެވޭ ބެލެވުމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ ގޮތަށް، ސަބްސިޑީ ދިނުމުގެ އުސޫލު ބަދަލުކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުން ފަދަ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން، ދަރަނި ދެއްކުމަށް އޮތް ރިސްކުތަކަށް ހައްލެއް ލިބޭނެއެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ގެދޮރުވެރިކަމާއި އިއާދަކުރަނިވި ހަކަތައަށް ފައިނޭންސް ހޯދުމަށް ޕްރައިވެޓް ސެކްޓާއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ތެލަށް ކުރާ ހޭދަ ކުޑަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

މޫޑީސް އިން ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް ދިވެހި ސަރުކާރުން ބަލައިގަނެ، މިހާރު އަޅަން ފަށާފައިވާ މާލީ އަދި އިގުތިސޯދީ އިސްލާހީ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

"ދިވެހިރާއްޖޭގެ އިގުތިސޯދީ އިސްލާހީ އެޖެންޑާ" ތަންފީޒުކުރެވުމުން ރާއްޖޭގެ އިގުތިސާދީ ތަރައްގީ ފުޅާވެ ދަރަންޏާއި މާލިއްޔަތު ދެމެހެއްޓެނެވި މިންގަނޑަށް އިއާދަކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.