ގެސްޓްހައުސް ހިންގުމަކީ އެންމެ ރަނގަޅު ގޮތްތޯ ހައްޖު ކޯޕަރޭޝަނުގެ ބޯޑުން ބަލަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައްޖު ކޯޕަރޭޝަނާ ބެހޭގޮތުން މިނިސްޓަރާ ސުވާލު ކުރެއްވީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ. ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނަކީ ފަންޑް ލިބުމުން، އެ ފަންޑު މެނޭޖުކުރަން ހަވާލުވާ ކުންފުންޏެއް ކަމަށެވެ.
"ހަވާލުކޮށްފަ މިއޮންނަނީ އެ ފަންޑުން ނަގައިގެން މީހުން ހައްޖަށް ފޮނުވަން، އެހެންވީމާ އަޅުގަނޑަށް ހީވަނީ ގެސްޓްހައުސް ހިންގަން މަސައްކަތްކުރުން އޭގެ ޒާތުގައި އެންމެ ފައިދާހުރި ގޮތްތޯ އަޅުގަނޑުމެން ކުންފުނީގެ ބޯޑުންނާއި ކުންފުނީގެ ހިއްސާދާރުން އެބަޖެހޭ ވިސްނާލަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އާއްމު ގޮތެއްގައި ކުންފުނީގައި ފަންޑު ހުރެއްޖެ ކަމަށްވާނަމަ އެކަމުގެ ސްޕެޝަލިސްޓުންނާ ހަވާލުކޮށްގެން ފަންޑް މެނޭޖުކޮށްގެން އޭގެ ފައިދާ ކުންފުންޏަށް ހޯދައިފިނަމަ އޭގެ ނަތީޖާ ރަނަގަޅު ވާނެ ކަމަށް ފެންނިވަޑައިގަންނަވާ ކަމަށެވެ. ޓޫރިޒަމްގެ ދާއިރާއަށް އިންވެސްޓް ކުރަން ވެއްޖެއްޔާ އެ އިންވެސްޓް ކުރެވޭނެ ކުންފުނިތައް ސަރުކާރުގައި ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.
"ހުރިހާ ކުންފުނިތަކުން އެޗްޑީސީ އަދި ހައްޖު ކޯޕަރޭޝަން، ނޫނިއްޔާ ފެނަކައާއި އެންމެން ގެސްޓް ހައުސްއާ ރިސޯޓް ހެދީމަ އަޅުގަނޑުމެނަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު