ދާއިމީކޮށް ކާންޖެހޭ ބޭހަކަށް ފައިސާ ދޫނުކޮށް ނުހުންނާނެ ކަމަށާއި އާސަންދައިން ލިބެން ޖެހޭ ހުރިހާ އެހީއެއް އެފަރާތްތަކަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް މެމްބަރު އަބްދުލް ގަފޫރު މޫސާ ވަނީ ދާއިމީކޮށް ބޭސްކާ ފަރާތްތަކުން ބޭސް ގަންނަން ޖެހޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެއީ މިހާރު އޮންނަ އުސޫލުތޯ މިނިސްޓަރާ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ދާއިމީކޮށް ކާން ޖެހޭ ބޭސްތައް އާސަންދަ އާއި އެންސްޕާގެ އެހީގައި ލިބޭނެ ކަމަށެވެ.

"ދާއިމީކޮށް އެއްވެސް ބޭހެއް ބޭނުން ކުރާ މީހަކަށް ވެސް އަދި އާސަންދައިން އަދި އެންސްޕާއިން ކުރާ ހަރަދަކަށް ދަތިވެގެން އަދި ފައިސާ ދޫނުކޮށެއް ނުހުންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޭހެއް ލިބުން ލަސްވަނީ، އެ ބޭސް ލިބެން ނެތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ދާއިމީކޮށް ކާން ޖެހޭ ބޭހަށް އާސަންދައިން ނުވަތަ އެންސްޕާއިންދޭ އެއްވެސް އެހީއެއް ކަނޑާލާފައި ނުވާނެ ކަމަށާއި އެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.