ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ބަދަލު ގެނެސް، އެ ޕްރޮގްރާމްތަކާއި ގުޅުވައިގެން ހުކުމަށް ލުއި ދިނުމާއި ހުކުމް މާފުކޮށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ހުށަހެޅުއްވި ކަރުދާހަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އިއްޔެ ނިންމެވީ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ބައެއްގެ ގޮތުގައި ޖަލުގެ އެތެރޭގައާއި ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ޕްރޮގްރާމްތައް ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަކުރާ މީހުންނަށް، އެކަމާ ގުޅުވައިގެން ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން ހުކުމަށް ލުއި ދިނުމާއި ހުކުމް މައާފުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
އޭގެ އިތުރުން ރިހެބިލިޓޭޝަން ފްރޭމްވޯކާއި މައާފުދިނުމާއި ޕެރޯލް ހަމަޖެއްސުމާއި ހުކުމަށް ލުއި ދިނުމުގެ ނިޒާމު ގުޅުވާލުމަށާއި ކޮމިއުނިޓީ ސާވިސް އިތުރަށް ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ރައީސް އިއްޔެ ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން އެ ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކާއި ހަވާލުކުރެވި، އެ ކަންކަން ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ކަންކަން ހާސިލުކުރުމަށް ޓައިމްލައިނެއް އެކުލަވާލައި، އެކަންކަން ހާސިލުކުރެވޭ މިންވަރު ބެލުމަށް ނިންމައިފައިވާ ކަމަށް ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ރިހެބިލިޓޭޝަން ފްރޭމްވޯކަށް އަމަލުކުރަން ފެށުމަށާއި ޖަލުތަކުގައާއި ޖަލުން ބޭރުގައި ގައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް އިތުރުކުރެވޭނެ ގޮތަށް ނިޒާމު ބަދަލުކުރުމަށްވެސް އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު