ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ބަންޑާރަ ނައިބުގެ އޮފީހަކީ ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް، "ބަންޑާރަ ނައިބު އޮފީހުގެ ބިލް" އެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާއު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ މި ބިލްގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލްގައި ބުނެފައިވަނީ ގާނޫނު އަސާސީގެ ދަށުން ބަންޑާރަ ނައިބުގެ މަގާމަށް އައްޔަން ކުރެވޭ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި ބަންޑާރަ ނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަ ނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުމެވެ.

ބިލްގައިވާ ގޮތުން ބަންޑާރަ ނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުގެ ނަމުގައި މި އޮފީސް ގާއިމް ކުރާނީ ސިވިލް ސާވިސްގައި ނުހިމެނޭ، ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އަދާކުރަންޖެހޭ ގާނޫނީ އެންމެހާ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި އެ އޮފީހުން ފޯރުކޮށްދޭން ޖެހޭނެ ހިދުމަތްތަކާއި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އައްޔަން ކުރާ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މިބިލްގައި ވަނީ ބަޔާންކޮށްފައެވެ.

އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި ބަންޑާރަ ނައިބަށް ލިބިގެންވާ ބާރުތައް މި ބިލްގައި ވަނީ ކަނޑައަޅައިފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ އިސް މަގާމުތަކާއި އެ އޮފީސް ހިންގުމާ ގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

ބަންޑާރަ ނައިބުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތަކާއި ބަންޑާރަ ނައިބު ކޮށްގެން ނުވާނެ ކަންތައްތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލްގައިވާ ގޮތުން، ކޮންމެ އަހަރަކު އެއްފަހަރު ބަންޑާރަ ނައިބު، އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލް ހުށަހަޅަންވާނެއެވެ.

ބިލްގައިވާގޮތުން ބަންޑާރަ ނައިބު ޖަވާބުދާރީވާން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލިހަށެވެ. ބަންޑާރަ ނައިބުގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރެވޭނެ ގޮތްތައް ވެސް މި ބިލްގައި ވަނީ ބަޔާންކޮށްފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ އިސް މަގާމުތަކާއި މަގާމުތަކުގެ ޝަރުތުތައް ބިލްގައި ބަޔާންކޮށްފައިވާ އިރު، ޑެޕިއުޓީ އެޓާނީ ޖެނެރަލް އާއި ސޮލިސިޓާ ޖެނެރަލްގެ ޝަރުތުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމާއި މަގާމުން އިސްތިއުފާ ދިނުމާއި މުސާރަ އާއި އިނާޔަތް ކަނޑަ އެޅޭނެ ގޮތްތައްވެސް ބިލްގައި ހިމަނާފައިވެއެވެ.