އެންސްޕާ ހިންގުމަށް ކުއްޔަށް ނަގާގައިވާ އިމާރާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅުން އޮތް ކަމަށް ބުނާ، ޓީވީ ޗެނަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުވި ކުއްލި މައްސަލަ ހުށަހަޅާން ފުރުސަތެއް ނުދިނެވެ.
އެ ކުއްލި މައްސަލައަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ހުށަހަޅަން އުޅުއްވި ކުއްލި މައްސަލައެކެވެ.
ރައްިޔތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ ކ. ގައި ކުއްލި މައްސަލައެއްގައި ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަ ނުވާކަމަށެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފުރުސަތު ދެވެން ނެތްކަމަށްވެސް ވިދާޅުވިއެވެ.
އެންސްޕާ ހިންގުމަށް ކުއްޔަށް ނަގާގައިވާ އިމާރާތް ދައުލަތަށް ގެއްލުންވާ ގޮތަށް ކުއްޔަށް ނަގާފައިވާ ކަމަށާއި، ދައުލަތަށް ގެއްލުންވާގޮތަށް އެ އިމާރާތުން ބައެއް، ކުއްޔަކާ ނުލައި އެމްއެމް ޓީވީއަށް ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.
އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ އެމްއެމް ޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް އާއި އެންސްޕާ އާ ދެމެދު 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހަދައި، އެއް ފަހަރާ އެ ފައިސާ ދީފައިވާ ކަމަށެވެ. އެއީ އެންސްޕާ އޮފީސް ހިންގުމަށް ހަތަރު ފްލޯ ނެގުމަށްފަހު އެއިން ދެ ފްލޯ "އެމްއެމްޓީވީ" ހިންގަން ކުއްޔަކާ ނުލައި ދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެ ޓީވީ ޗެނަލްގައި ދައުލަތުގެ އިދާރާގެ މުވައްޒަފުން މަސައްކަތްކުރާ ކަމަށާއި އެ މަސައްކަތްތަކަށް އެމީހުންނަށް ދޭންޖެހޭ މުސާރަ ދެނީ ދައުލަތުގެ ބަޖެޓުން ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ބުނެފައިވއެވެ.
އެއީ ހަގީގަތެއް ނަމަ އެއީ ދައުލަތުގެ މާލިއްޔާއިން ހިންގޭ ބޮޑު ވައްކަމާއި ކޮރަޕްޝަންގެ އަމަލެއްކަމަށާއި، އެ ޗެނަލަށް ބޭނުންވާ އާލާތްތައް ގެނެސްފައި ވަނީ އެއާފްރައިޓްކޮށް ކަމަށާއި އެ ތަކެތި ކަސްޓަމްސް އިން ނެރެފައިވަނީ ގާނޫނާ ހިލާފަށް އިމްޕޯޓް ޑިއުޓީ މާފުކޮށް ޑިއުޓީއަށް އެއްވެސް ފައިސާއެއް ނުދައްކައި ކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
މޯލްޑިވްސް މީޑިއާ ހައުސްއަކީ މީޑިއާ މަސައްކަތްކުރަން އެކުލަވާލާފައިވާ ކުންފުންޏެއްކަން ނަމުން ވެސް އެނގޭއިރު އެންސްޕާއަށް އޮފީހެއް ކުއްޔަށް ނެގުމާ ގުޅޭ ބިޑު އެ ކުންފުންޏަށް ދިނުމުން މިއީ ސައްހަ މުއާމަލާތެއްކަމަށް ޝައްކު ކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ސޯޝިއަލް މީޑިއާގައި ދައުރުވާ ތުހުމަތުތަކަޡށް އެންސްޕާއިން ވަނީ ރައްދުދީ އެކަން ދޮގުކޮށްފައެވެ. އަދި ކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ތަހުގީގެއް ކޮށްދިނުމަށް އެދި އެންސްޕާއިން ވަނީ އޭސީސީއަށް ސިޓީއެއް ފޮނުވައިފައެވެ. އަދި އޭސީސީން ވަނީ މި މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު