ޕާޓީން ޓިކެޓު ހޯދައިގެން މަޖިލީހަށް އިންތިހާބުވާ މެންބަރުން، ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު މަޝްހޫރު ވިޔަފާރި ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރީ ވަރަށް ގިނަ ދުވަހުން ކަމަށާއި ވަރަށް ގިނަ މަސައްކަތުން ކަމަށެވެ. އެހެންކަމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ގާނޫނު އަސާސީ އިސްލާހުކޮށް ރައްޔިތުންނަށް ދީފައިވާ ބާރުތަކެއް ނަގާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ގޮނޑި ގެއްލޭ އިސްލާހަށް ސިޔާމް ވަނީ ތާއީދު ކުރައްވައިފައެވެ. އަދި ވިދާޅުވީ ހޮވައިދިން ޕާޓީން ވަކިވެއްޖެ ނަމަ، ގޮނޑި ގެއްލެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިއީ އެމްޑީއޭ ދެއްތޯ. މިސާލަކަށް އެމްޑީއޭއިން އަޅުގަނޑުމެން ޓިކެޓެއް ދިނީ. ޓިކެޓެއް ދިނީމަ ގޮނޑިއަކަށް ހޮވުނީ. ހޮވުނީމަ އަނެއް ދުވަހު އެހެން ޕާޓީއަކަށް ދިޔައީ. އެހެން ވެގެން ނުވާނެ، ޕާޓީން ކެނޑިގެން ނުވާނެ. ޕާޓީން ކެނޑިއްޖެ ކަމަށް ވަންޏާ ގޮނޑި ވާނީ ގެއްލެން. ޓިކެޓް ދިނީ ޕާޓީން، ޕާޓީ މީހުން ވޯޓު ދިނީ، ޕާޓީން އިންވެސްޓްކުރީ، އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތް،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ގާނޫނު އަސާސީއެއް އެފަދަ ބޮޑު އިސްލާހެއް ގެންނަން ޖެހޭނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށެވެ. އެކަމުގައި ސިޔާސީ ފަރާތްތަކާ ވެސް މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށާއި އެފަދަ ބަދަލުތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްގެން ނޫނީ ގެންނަންވާނެ ބަދަލެއް ނޫން ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު