އީފާސް ނިޒާމުގައި ބޭނުންކުރަމުން އަންނަ ފޭސް ވެރިފިކޭޝަން ހިދުމަތުގެ އާ ވެންޑާއަކަށް ލެޓްވިއާގެ ކުންފުންޏެއް ސަރުކާރުން ހަމަޖައްސައިފިއެވެ.
ނެޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ އީފާސް ހިދުމަތުގެ ދަށުން ފޭސް ވެރިފިކޭޝަން ހިދުމަތް ކުރިން ހަވާލުކޮށްފައި އޮތީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައި އޮންނަ އިޒްރޭލުގެ ކުންފުންޏެއް ކަމަށްވާ، ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޑް ލިމިޓެޑް (ސަމްސަބް) އާއެވެ.
އެންސީއައިޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނި އެ މަސައްކަތުން ވަކިކޮށް ލެޓްވިއާގައި ރަޖިސްޓަރީ ކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ކުންފުނީގެ އެޕްލިކޭޝަންއެއް ބޭނުންކޮށްގެން އަލުން އޮންލައިން ފޭސް ވެރިފިކޭޝަންގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.
އަދި އެކަން ހިގާނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެ ނޫންވެސް އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާއި ނުލައި އެންސީއައިޓީގެ އެތެރޭގައި ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.
ރެގިއުލާ ފޮރެންސިކްސް އަކީ 30 އަހަރުގެ ތަޖުރިބާ އާއެކު ސެކިއުރިޓީގެ ދާއިރާއިން ގިނަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދޭ ގާބިލު އަދި ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކާއި ތަފާތު އެކި ގައުމުތަކަށްވެސް ހިދުމަތް ދެމުންދާ އިތުބާރު ހުރި ކުންފުންޏެކެވެ.
އެންސީއައިޓީން ބުނީ، މި ވަގުތު ފޭސް ރިކޮގްނިޝަންގެ ހިދުމަތް ލިބޭނީ ވެބް ބްރައުޒާއެއް މެދުވެރިކޮށް އީފާސް އަށް ލޮގިންވާއިރު އެކަނި ކަމަށެވެ.
އީފާސްގެ ފޭސްވެރިވިކޭޝަން އަށް ގެނައި މި ބަދަލާ ގުޅިގެން އެންސީއައިޓީގެ ވެރިޔާ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ އެ ސެންޓަރުގެ އަމާޒަކީ އީފާސްގެ ނިޒާމު ދުވަހެއް ދުވަހަކަށް ހަރުދަނާކޮށް އެ ނިޒާމަކީ ރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ، ރައްޔިތުންނާއި މުއައްސަސާތަކުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ނިޒާމަކަށް ހެދުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު