ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮސް، އެކަމުން ލިބޭ ފައިސާ ލޯންޑާކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
އިހުސާންގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހުންނާއި ދެ ގެއަކާއި ތެޔޮ އުފުލާ ދެ ބާޖު ބަލައިފާސްކޮށް މައްސަލައާ ގުޅުން ހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާ ވަރަކުން ފުލުހުންގެ ފަރާތުން މައްސަލައާ ގުޅޭ އިތުރު ތަފުސީލު ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، އެފަދަ މައްސަލަތައް ހޯދައި ފުރިހަމައަށް އަދި އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ.
އެފްއެސްއެމްގެ ތެލުން ވައްކަން ކުރިކަމުގެ ތުހުމަތު އެ ކުންފުނީގެ މުވައްޒަފުންތަކަކަށް ކުރާއިރު، މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފެއް ބިދޭސީންގެ ކަންކަމުގައި އެކި ފަރާތްތަކުން ރިޝްވަތު ނަގާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެކަން އިހުސާން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު