ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވާއިރު އެ ތަނުގައި ރާއްޖޭގެ ބޭންކުތަކުގެ ފޮރިން އެކްސްޗޭންޖް ކައުންޓަރުތައް ހުންނާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ ބައެއް މި އަހަރު ހުޅުވަން ކުރިން ނިންމާފައި އޮތް ނަމަވެސް ސަރުކާރުން މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ މެދު ތެރޭގައި އާ ޓާމިނަލް އެއްކޮށް ހުޅުވުމަށެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، އެހެން ގައުމުތަކެކޭ އެއްގޮތަށް ވީއައިއޭގެ އާ ޓާމިނަލް ހުޅުވާއިރު އެ ތަނުގައި ރާއްޖޭގައި ހިންގާ ހުރިހާ ބޭންކެއްގެވެސް ފޮރިން އެކްސްޗޭންޖް ކައުންޓަރުތައް ހުންނާނެ ކަމަށެވެ.

"މާނައަކީ ފަތުރުވެރިއަކު ވަޑައިގެންފައި 500 ޑޮލަރު މާރުކުރެވިގެން ދިޔައިމަ ފަސޭހަވެގެންދާނެ އިންޑަސްޓްރީ ބޭފުޅުންނަށްވެސް. ނުކުމެގެންދަމުން އިތުރަށް (ޑޮލަރު) ހުރިއްޔާ އަނެއްކާ މާރުކޮށްފަ ހިފައިގެންނޭ ދާނީ،" ގަވަރުނަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ބޭންކުތައް މިހާރަށްވުރެ ބޮޑަށް ޖަވާބުދާރީކޮށް، ދެފުށްފެންނަ ގޮތަކަށް ކަންކަން ކުރެވޭނެ ގޮތް ހެދުމަށް އެމްއެމްއޭ އިން ބޭންކުތަކަށް ދޭ ޑޮލަރަކީ އެންމެ ބޭނުންވާ ފަރާތްތަކަށް ދޭ އެއްޗެއްކަން ޔަގީންކުރަން ސިސްޓަމްތަކެއް ހަދާނެ ކަމަށެވެ.