ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.

ސްރީލަންކާގެ އިރުމަތީ އައްސޭރިއާ ދިމާލުން ބޭއޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާ އިރު، އެ ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ލަންކާގެ އިރުއުތުރަށް ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ބުނީ އެގައުމުގެ އިރުމަތި އަދި އިރު އުތުރުގެ އިތުރުން މެދުތެރޭ ސަރަހައްދުތަކަށް ތޫފާނުގެ ސީދާ އަސަރުކުރާނެ ކަމަށާއި އެ ސަރަހައްދަށް ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ތޫފާނުގެ ނުރައްކާ އޮތް ސަރަހައްދުތަކަށް ރަތް ސަމާލު ނެރެފައިވާ އިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ސަލާމުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގައިފައެވެ.

މެޓުން ވަނީ ލަންކާގެ އައްސޭރިފަށާއި ކައިރި ހިސާބުތަކަށް ވައި ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 އާއި 70 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ލަންކާއަށް ކުރަމުން އަންނަ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މިހާތަނަށް ފަސް މީހުން މަރުވެފައިވާ ކަމަށާއި އޭގެތެރޭގައި ތިން ކުޑަކުދިން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.