ހަމަލާ ބަދަލުކުރުން މެދުކަނޑާލުމާއެކު ލުބުނާނުގެ އާންމުން އަމިއްލަ ގެދޮރަށް ބަދަލުވާން ފަށައިފިއެވެ.

އިސްރާއީލާއި ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ހަމަލާބަދަލުކުރުން މެދުކަނޑާލުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމުމާއެކު ލުބުނާނަށް ވަނީ ހިތްހަމަޖެހުމުގެ ނޭވާއެއް ލާން ފުރުސަތު ލިބިފައިކަމަށް އޮފިޝަލުން ބުނެއެވެ.

ހަނގުރާމަ ފެށުމާއެކު ސަލާމަތް ހޯދުމަށް އަމިއްލަ ގެދޮރު ދޫކޮށް ވަގުތީ ހިޔާތަކާއި ރެފިއުޖީ ކޭމްޕުތަކުގެ އިތުރުން، އާއިލާތައް ވަނީ އެކި ސަރަހައްދުތަކަށް ބަދަލުވެފައެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑާލިކަން އިއުލާން ކުރުމާއެކު ލުބުނާނުގެ އާންމުން ވަނީ އެމީހުންގެ އަމިއްލަ ގެދޮރަށް ބަދަލުވުމަށް ދަތުރު ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ވަރަށް ދުރު ސަރަހައްދުތަކަށް ބަދަލުވި ގިނަ ބަޔަކުވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެތައް ހާސް އާއިލާއެއް އަމިއްލަ ގެދޮރަށް ބަދަލުވުމުގެ މަސައްކަތް ފަށާފައިވާއިރު ބައެއް ފަރާތްތަކުން ވަނީ އެ މީހުންގެ ގެދޮރު ބިމާހަމަވެފައިވާ ކަމަށްވެސް ބުނެފައެވެ.

ލުބުނާނުގެ އާންމުން ތިބީ ހަމަލާ ބަދަލުކުރުން ހުއްޓި މުއްދަތު އުވިގެން ނުދާނެ ކަމަށާއި އެމީހުންގެ ގެދޮރު އަލުން ހަދައި ކުރީގެ ދިރިއުޅުމަށް އަނބުރައި ދެވޭނެ އުއްމީދެއް ލިބޭނެ ކަމުގެ އިންތިޒާރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.