ފެނަކަ ކޯޕަރޭޝަނަށް އޮޅިގެން ށ. ކޮމަންޑޫގެ ފަޅުގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ކަރަންޓު ބިލެއް ފޮނުވިއްޖެއެވެ.

ކޮމަންޑޫގައި މީހުން ދިރިއުޅެމުން ނުދާ ގެއެއް ކަމަށްވާ ޑައިޒީވިލާއަށް ފޮނުވި އެ ބިލު މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ބިލުން ދައްކާގޮތުގައި ކޮމަންޑޫ ފެނަކަ ބްރާންޗުން ފޮނުވި އެ ކަރަންޓު ބިލަށް ވަނީ 412،648.27 ރުފިޔާ އަރައިފައެވެ. އެ ބިލު މުއްދަތު ހަވަމާ ތާރީހެއްގެ ގޮތުގައި އޮތީ އަންނަ މަހުގެ އަށްވަނަ ދުވަހަށެވެ.

އެ ބިލާ ގުޅޭގޮތުން ފެނަކަ އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބިލަކީ އަލަށް އިންސްޓޯލް ކުރެވުނު މީޓަރެއްގެ ރީޑީން އެޅުމުގައި ދިމާވި ކުށަކާ ގުޅިގެން ހެދުނު ބިލެއް ކަމަށާއި އެ ބިލުގެ މައްސަލަ ފާހަގަކުރެވިގެން، މިހާރު ވާނީ ކަސްޓަމަރަށް ގުޅައި ބިލު އިސްލާހުކުރުމަށްފަހު ރަނގަޅު ބިލު ފޮނުވާފައި ކަމަށެވެ.

ފެނަކަ އިން ފޮނުވި އެ ބިލުގައިވާ ގޮތުން، މިދިޔަ އޮކްޓޯބަރު މަހު ނަގާފައިވާ ރީޑިންއަކާއި މިމަހު ނެގި ރީޑިން އިން، އެ ގެއިން ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް ދައްކައެވެ.