ސްޓެލްކޯއިން ކ. ގުރައިދޫ އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް އިލެކްޓްރިކް ކޯހެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ކޯހަކީ ސްޓެލްކޯ އާއި ގުރައިދޫ ޑަބްލިޔުޑީސީ ގުޅިގެން މިދިޔަ ހަފުތާ ބަންދު ހުކުރު އަދި ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔަ ކޯހެކެވެ. ކޯހުގައި ޖުމްލަ 22 އަންހެނުން ބައިވެރިވެފައިވާ އިރު، އެފަރާތްތަކަށް ކަރަންޓުގެ އެންމެ އަސާސީ މަސައްކަތްތައް ކުރެވޭނެ ތަމްރީނު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އޭގެ އިތުރުން އެރަށު ސްކޫލު ކުދިންނަށްވެސް އޭސީގެ މަސައްކަތްތަކާއި ކަރަންޓާ ބެހޭ މައުލޫމާތާއި ކަރަންޓު އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން ކަރަންޓު ބިލްތައް ތައްޔާރުކުރެވޭ ގޮތާ ގުޅޭ މައުލޫމާތު ސެޝަންއެއް ކުރިޔަށްގެންދިޔަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"ސުވާލާއި ޖަވާބަށް ހުޅުވާލައިގެން ބޭއްވި އެ ސެޝަންއަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިގެންގޮސްފައި،" ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން، ރައްޔިތުން ކަރަންޓަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ ޕްރޮގްރާމްތައް އަތޮޅުތަކުގައި ކުރިއަށް ގެންދެއެވެ.