ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ރާވާފައިވާ ކަންތައްތަކާއި، ކުންފުނިން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީއަށް ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ، އާ ޓާމިނަލްގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ޓާމިނަލްގެ މަސައްކަތް ވަރަށް ބާރަށް ޝެޑިއުލަށް ވުރެ ވެސް އަވަސްކޮށް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ލަސްވާގޮތަށް އެމްއޭސީއެލްގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަބަބުން އެ މަސައްކަތް ޑިލޭ ވެފައެއް ނޯންނާނެ، އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުހިނގާނެ، މިއަދުވެސް އެބައޮތް އެފަރާތަތަކާ ބައްދަލުކޮށް ނިންމަންޖެހޭ ކަންތައްތަކެއް ނިންމުން،" ޝަރީފް ވިދާޅުވިއެވެ.
"މިއަދާ ހަމައަށް 82 ޕަސެންޓް އަޅުގަނޑުމެންނަށް އެޗީވް ވެއްޖެ، ގާތްގަނޑަކަށް 85 ޕަސެންޓް. އޭގެ މާނަ އަކީ އަޅުގަނޑުމެންނަށް ޝެޑިއުލްއާ އެއްވަރަށް މަސައްކަތްތައް އެބަދޭ ކުރިއަށް،"
ޝަރީފް ވިދާޅުވީ މިހާރު މަަަސައްކަތް ދާގޮތަށް ކުރިއަށްދާނަމަ އަންނަ އަހަރުގެ ޖޫން، ޖުލައިގައި ޓާމިނަލް ހުޅުވޭނެ ކަމަށެވެ. އަދި ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތަށް މިއަހަރުގެ ފަހުކޮޅު ޓާމިނަލްގެ ބައެއް ހުޅުވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު