އަންނަ އަހަރު ތެރޭގައި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ ކުޅުން ފެށޭވަރު ވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރާފިއު އެހެން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ އަހަރުގެ ކާމިޔާބީތައް އާންމުންނާ ހިއްސާކުރުމަށް ޕީއެސްއެމް އިން ގެނެސްދޭ "ހަފުތާ 52" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ރާފިއު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްކޮށް ކަމަށާއި، އެ ކަންކަމަށް ހައްލު ހޯދޭނެތޯ މީޑިއާއިންވެސް އޭނާއާ ތަކުރާރުކޮށް ސުވާލު ކުރި ކަމަށެވެ. އެހެން ނަމަވެސް، ފާއިތުވި 52 ހަފުތާ ތެރޭގައި ކުރެވުނު މަސައްކަތުން ރަނގަޅު ކަންތައްތަކެއް ހާސިލުވެފައިވާ ކަމަށް ރާފިއު ވިދާޅުވިއެވެ.
ރާފިއު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅަ އިދާރާ މިހާރު ނޯމަލައިޒްކޮށް، އެ މަސައްކަތާއިގެން ކުރިއަށް ދެވެން ފެށިފައިވާ ކަމަށެވެ.
"ފީފާއާވެސް ވާހަކަ ދެކެވި، އެފްއޭއެމް މިވަގުތު އެއޮތީ ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރެވިފަ. އެ އިދާރާގެ ކަންކަން ކުރިމަގަށް ބައްޓަންވާނެ ގޮތަކަށް މިހާރު މިވަނީ މަސައްކަތް ފެށިފަ. އަޅުގަނޑު އުންމީދުކުރަނީ ފުޓުބޯޅަ ކުރިން އޮތް ހާލަތަށް ގެންދިޔުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް އަންނަ އަހަރު އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް،" ރާފިއު ވިދާޅުވިއެވެ.
"އޭގެ ތެރެއިން ފުޓުބޯޅަ އަލުން ފެށޭނެ ގޮތެއް ހޯދަން ޖެހޭ. ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ހާލަތު ވަރަށް ދަށް. އެކަން ކުރިއަށް ގެންދިއުން އެއީ ޗެލެންޖެއް ނަމަވެސް މިއަހަރު ތެރޭގައި އެފްއޭއެމް މެދުވެރިކޮށް ސީޒަން އިއުލާނުކުރެވި، އަންނަ އަހަރު އެންމެ ލަސްވެގެންވެސް މުބާރާތްތައް ބޭއްވޭނެ ކަމަށް ގަބޫލުކުރަނީ،" ރާފިއު ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ހުއްޓިފައި އޮންނަތާ އަހަރެއް ވަނީއެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކުރުމަށް ކުރި ފަރިތަކުރުންތައް ފިޔަވައި ރާއްޖޭގައި އަދި މިދިޔަ އަހަރެއްހާ ދުވަހު ރަސްމީ ފުޓުބޯޅައިގެ މަސައްކަތެއް ކުރިއަކަށް ނުދެއެވެ.
އެފްއޭއެމްގެ ހާލަތު ގޯހުން ގޯހަށް ގޮސް، މިހާރު ނޯމަލައިޒް ކޮށްފައިވާ އިރު، އެ ކޮމިޓީގެ ޗެއާމަނަކީ އަހުމަދު ޒުހޫރެވެ. ފުޓްބޯޅަ ސީޒަން ފަށަން ބަލާއިރު، އެފްއޭއެމްގެ ކުރީގެ ލީޑަޝިޕުން ދޭން ވައުދުވި ފައިސާ ނުދޭތީ، ގިނަ ކްލަބްތަކެއް އޮތީ މާލީ ގޮތުން އުނދަގޫ ހާލަތެއްގައެވެ.
އެ ފައިސާ އެފްއޭއެމްއަށް ކްލަބުތަކަށް ދެވެން ނެތް މި ހާލަތުގައި ޒުހޫރު ދާދި ފަހުން "ވަން ސްޕޯޓްސް" އަށް ވިދާޅުވީ ސީދާ އެ އަދަދުތަކަށް ފައިސާ ނުދެވުނު ނަމަވެސް، ހައްލެއް ހޯދަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިހާލަތުގައި ވަރަށް ރަނގަޅަށް ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްއަށް ބެކިން ދީގެން ނޫނީ ނޯމަލައިޒޭޝަން މަރުހަލާ ޗެލެންޖް ވާނެ ކަމަށްވެސް ޒުހޫރު ފާހަގަކުރެއްވިއެވެ.
އެފްއޭއިން މަސައްކަތް ކުރަމުން އަންނަނީ ޖެނުއަރީ 24 ވަނަ ދުވަހު ލީގު ފެށުމަށް ނަމަވެސް، އެއީ އަދި ޑްރާފްޓް ޝެޑިއުލެއްގައި އޮތް ތާރީހެކެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ