ވިނަރެސް މަޝްރޫއިން ފުލެޓު ގަނެފައިވާ ފަރާތްތަކަށް ކާރު ޕާކުކުރާނެ ޖާގަ ދޫކުރުމަށް ނިންމައި، އެކަމަށް ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ކުރި އިއުލާނެއްގައި ބުނީ ވިނަރެސް ފުލެޓު ގަނެފައިވާ ފަރާތްތަކަށް ޕާކިން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ މޮޑެލެއްގެ ދަށުން ކަމަށެވެ. އެގޮތުން އެ އިމާރާތުގެ ތެރެއިން ކާރު ރަޖިސްޓަރީކުރުމުގެ ހުއްދައާއެކު ޖުމުލަ 76 ޖާގައަކާއި އިމާރާތުގެ ބޭރުން ހަމައެކަނި ޕާކުކުރުމުގެ ބޭނުމަށް ޖުމުލަ 78 ޕާކިން ޖާގަ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

ވިނަރެސް ޓަވަރުތަކުން ކާރު ޕާކުކުރާނެ ޖާގައަށް އެދި ހުށަހެޅުމަށް ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އޭގެ ތެރޭގައި ވިނަރެސް މަޝްރޫއިން ފުލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި-އެޕްލިކަންޓް ކަމުގައިވުން ހިމެނެއެވެ.

އޭގެ އިތުރުން އެޗްޑީސީއަށް 5 ޑިސެމްބަރު 2024 ގެ ނިޔަލަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި، އެ ފައިސާ ނުދައްކައިވާ ފަރާތެއް ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އޭގެ ތެރޭގައި ފޯމު ހުށަހަޅާ ނަންމަތީ އެޗްޑީސީން ބަލަހައްޓަމުންދާ އެއްވެސް ތަނަކުން ގަނެފައިވާ ނުވަތަ ކުއްޔަށް ނަގާފައިވާ ތަންތަން ހިމެނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޑިސެމްބަރު މަހުގެ ކުލި ހިމެނޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ކޮންމެ ފަރާތަކަށް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް ޕާކިން ޖާގައެވެ. އަދި ދޫކުރެވޭ ޕާކިން ޖާގައަކީ ފުލެޓު ގަތުމުގެ އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ޖާގައެއްގެ ގޮތުގައި ހަމަޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އިމާރާތުގެ ތެރެއިން ޕާކިން ޖާގަ ވިއްކުމަށް ބީލަން ފެށޭ އަގަކީ 650،000 ރުފިޔާ ކަމަށާއި ޕާކިން ޖާގަ ގަންނަ ފަރާތްތަކަށް އެ ޖާގައިގައި ކާރު ރަޖިސްޓަރީކުރުމުގެ ހުއްދަ އޮންނާނެ ކަމަށެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތްތަކަށް ޕާކިން ޖާގައިގެ ޖުމުލަ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އިމާރާތުގެ ބޭރުން ވިއްކާ ޕާކިން ޖާގަތަކަށް ބީލަން ފެށޭ އަގަކީ 2000 ރުފިޔާއެވެ. އެ ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެ ޖާގަތަކަށް ސެކިއުރިޓީ ޑިޕޮސިޓަށް މަހު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަދަދަށްވާ ތިން މަހަށްވާ ފައިސާ ދެއްކުމަށް ހަތް ދުވަހުގެ މުއްދަތު ދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އިމާރާތުގެ ބޭރުން ވިއްކާ ޕާކިން ޖާގަ ދޫކުރެވޭނީ ހަމައެކަނި ޕާކުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ޖާގަތަކުގައި ކާރު ރަޖިސްޓަރީކުރުމުގެ ހުއްދައެއް ނުދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ބީލަމުގެ އުސޫލުން ކާރު ޕާކިން ޖާގަ ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް، https://bids.hdc.mv މެދުވެރިކޮށެވެ. އެހެންކަމުން ކާރު ޕާކިން ޖާގަ ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން އިއުލާނާއެކު ޝާއިއުކޮށްފައިވާ މައުލޫމާތު ކަރުދާހާ އެއްގޮތަށް ޕޯޓަލްގައިވާ އިންވެސްޓާ ރެޖިސްޓްރޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.