ގއ. ކަނޑުހުޅުދޫގައި ރޭ ހިންގި މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމާފައިވާ ކަމަށް ކަނޑުހުޅޫދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ރޭ 9:30 ހާއިރު އުމުރުން 37 އަހަރާއި 40 އަހަރުގެ ދެ މީހެއްގެ މެދުގައި މާރާމާރީ ހިންގާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ދެ މީހުންވެސް ތޫނު ހަތިޔާރު ބޭނުންކޮށްފައިވާއިރު، އެ ދެ މީހުންނަށް ވެސް ވަނީ އެކި ވަރުގެ ޒަހަމުތައް ވެފައެވެ.
ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަން" އަށް ރޭ ވިދާޅުވި ގޮތުން، އަނިޔާވި އެކަކުގެ ކޮނޑު ކަށިގަނޑާ ހަމައިން ތިން އިންޗި ކަފައިގެން ގޮސް، މުލަށްދަނޑިން ވެސް ތިން އިންޗި ކަފައިގެން ގޮސްފައިވެއެވެ. އަދި ދެން ޒަހަމުވި މީހާގެ ބޮލުގެ ފުއްކިބައިން ކަފައިގެން ގޮސް، އޭނާގެ ކޮނޑުހުޅަށް ވެސް އަނިޔާވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެ ދެ މީހުންނަށްވެސް ފަރުވާ ދެމުންދަނީ ގއ. ވިލިނގިލި ހޮސްޕިޓަލުންނެވެ.
ކަނޑުހުޅުދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި، ސީނިއާ އެޑްމިނިސްޓްރޭޓަރު އައިމަން މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ މާރާމާރީގައި ކޮނޑު ކަށިގަނޑަށާއި މުލަށްދަނޑިއަށް ޒަހަމްވި މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގއ. ވިލިނގިލި ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ބޮލަށް އަނިޔާ ލިބުނު މީހާގެ ހާލު ސްޓޭބަލް ކަމަށްވެސް ވިދާޅުވިއެވެ.
"މައުލޫމާތު ލިބޭ ގޮތުގައި އައިޖީއެމްއެޗްއަށް ގެންގޮސްފައި، އިތުރު ސާޖަރީއަކަށް ދާން އޮތީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި،" އައިމަން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު