ކުރިއަށްއޮތް 2028 ގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރިމަތިލެއްވިޔަސް ކަންބޮޑުވުމެއް ނެތް ކަމަށާއި 2028 ގައި މިހާރަށްވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ބޮޑުވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބަށްފަހު އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލުމަކީ އެކަމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މީހަކަށް އޮންނަ ހައްގެއް ކަމަށާއި އެހެންކަމުން ޔާމީނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް ރައީސް ޔާމީން ކުރިމަތިލެއްވުމަކުންނެއް. އަޅުގަނޑުމެން މަސައްކަތްކުރާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ކުރިމަތިލެއްވުމަކީ ގޮންޖެހުމެއްތޯ ނުވަތަ ނޫންތޯ ދަންނަވަން އަދި މާ އަވަސް ކަމަށާއި އެކަމަށް އަދި ހަތަރު އަހަރު ދުވަސް އެބައޮތް ކަމަށެވެ. އަދި ސިޔާސީ މަޝްރަހަކީ ނޭނގި ތިއްބައި ބަދަލުވާ އެއްޗެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރަށް އެއް އަހަރު މިވީ. އަޅުގަނޑަށް އޮތް ޔަގީންކަމަކީ އަޅުގަނޑުމެންގެ ސަރުކާރަށް ފަސް އަހަރުވެގެން، 2028 ގައި ކުރިމަތިލައްވާ އިރު، މިހާރަށްވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު މި ރާއްޖޭގައި ބޮޑުވާނެކަން،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ އޭނާ އާއި ރައީސްއާ ދެމެދު ގާތް ގުޅުމެއް އެބައޮތް ކަމަށާއި ދުވަހެއް ދުވަހަކަށް އެ ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި ރައީސްގެ އެންމެ ގާތް ބޭފުޅަކީ ވެސް އޭނާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.