އެތައް މައްސަލައެއް ފުނި ޖެހި، ގާނޫނީ ހުއްޓުމަކަށް އައިސް ރާއްޖޭގެ ބެޑްމިންޓަން އިދާރީ ގޮތުން ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެސޯސިއޭޝަނުގައި އޮތް ހިންގާ ކޮމިޓީ "ގަދަބާރުން" އިދާރީ ކަންތައްތަކަށް އަތްގަދަ ކުރަމުންދާ ދިޔުމަކީ ބޮޑު ކަންބޮޑުވުމެކެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރަން ވަނަތައް ހޯދަމުން އަންނަ ބެޑްމިންޓަން ސޮއްސާލައިގެން ގޮސް އެންމެ އަޑީގައި ޖެހިއްޖެއެވެ. ކުޅުންތެރީން މާޔޫސްވެ، އެވާހަކަތައް ތަކުރާރުކުރަމުން ދެއެވެ. ގެއްލުންތައް އިންތިހާއެވެ. ހައްލަކަށް މަޖުބޫރުވެފައި އޮތް ނަމަވެސް، ބާރު މިވަގުތު އޮތީ އަމިއްލަ އަތް މަތީގައެއްވެސް ނޫނެވެ.
ގައުމީ މުބާރާތްވެސް ނުބޭއްވި މިއަހަރު ނިމިގެންދާ އިރު، ބެޑްމިންޓަންގެ މައްސަލައަކީ ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އެ މައްސަލަތަކުގެ ތަފްސީލީ ވާހަކަތައް ތަފާތު ގޮތްގޮތަށް ގެނެސްދެވިއްޖެވެސް މެއެވެ. ކުރު ގޮތަކަށް ބުނާނަމަ، އިދާރާއަށް އޮތީ ކޮރަޕްޝަނާ ނުފޫޒުގެ ތުހުމަތުތަކެވެ. އިދާރާގެ ކަންކަމުގައި އަތްވެސް ނުލައި، ގާނޫނުން ބޭރުވެފައި އޮތުމުގެ އިނގިލިވެސް ދިއްކުރެވެއެވެ. އެ މައްސަލައިގައި ހައްލަކަށް ދިއުމަށް ސްޕޯޓްސް ކޮމިޝަނަރު ކުރި މަސައްކަތުގެ ތެރެއަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގައި އޮތް މުއްދަތު ހަމަވެފައިވާ ހިންގާ ކޮމިޓީން، ދުނިޔޭގެ ފެޑަރޭޝަނަށް ރާއްޖޭގެ ބެޑްމިންޓަނުގެ ހާލަތު އޮޅުވާލި ކަމަށްވެސް އިނގިލި ދިއްކުރެވެއެވެ.
ބެޑްމިންޓަންގެ ހިންގުން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ހަވާލުކޮށްފައި ވަނީ ކުޅިވަރު ކައުންސިލާ އެވެ. އެއީ އެ އެސޯސިއޭޝަނުގެ މުއައްސިސެވެ. އެހެން އެކަން އޮއްވާ، އޮގަސްޓް 20 ވަނަ ދުވަހު ދުނިޔޭގެ މައި އިދާރާ، ބީޑަބްލިޔުއެފްއިން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް ފޮނުވި ސިޓީގައި އޮތީ ރާއްޖެ ސަސްޕެންޑް ކުރާނެކަމުގެ އިންޒާރެއް ކަމަށް ބެލެވިދާނެއެވެ. އެ ހާލަތަށް ދިޔަ ގޮތަށް ވިސްނާ އިރު، ގިނަ ބައެއްގެ ނަޒަރުގައި ބީއޭއެމްގެ އަސްލެއް ނެތް ހިންގާ ކޮމިޓީން ބީޑަބްލިޔުއެފްއަށް ކަންކަން އޮޅުވާލީއެވެ. އެއާއެކު ދެން މަސައްކަތް ކުރީ ރާއްޖޭގެ ސިވިލް ކޯޓަށް ގޮސް، ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމާ ދެކޮޅު ހަދައި، ޗެލެންޖް ކުރުމަށެވެ.
ބީއޭއެމްގެ ހިންގުން އެސޯސިއޭޝަންގެ މުއައްސިސް، ކުޅިވަރާބެހޭ ގައުމީ މަޖިލީހާ ހަވާލުކުރި ކަމަށް އަންގައި ފޮނުވާފައިވާ ސިޓީއަކީ ގާނޫނުން ބޭރުން ފޮނުވާފައިވާ ސިޓީއެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ނިންމުމަށް އަމަލުކުރަން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ބީއޭއެމް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ އެސޯސިއޭޝަނުން އެދުނު ވަގުތު އަމުރުނެރެނުދޭން ސިވިލް ކޯޓުން ފުރަތަމަވެސް ނިންމިއެވެ.
އެހިސާބުން ދެން ކުރިއަށް ދިޔައީ މައްސަލައާއިގެންނެވެ. މައްސަލައިގައި ކޮމިޝަނަރުގެ ފަރާތުން، ދައުލަތުން ފުރަތަމަވެސް ހުށަހެޅީ ކޯޓުގެ އިހްތިސާސާ ގުޅޭ ހުށަހެޅުމެކެވެ. ސަބަބަކީ ސިވިލް ކޯޓުން ބެޑްމިންޓަން އެސޯސިއޭޝަނުގެ މައްސަލަތައް ބެލިދާނެ ކަމަށް އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި ބަޔާންކުރެވިފައި ނެތުމާއި، ކުޅިވަރު ޖަމިއްޔާތައް ހިންގުމުގެ ގާނޫނުންވެސް އެކަމަށް ޖާގަ ނުދިނުމެވެ.
ދައުލަތުން އެކަމުގައި މައިގަނޑުކޮށް ހުށަހެޅި ކަންކަމަކީ ބީއޭއެމްގެ ހިންގާ ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން މައްސަލަ ބެލުމުގެ ބާރު ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް ހުށަހެޅި ހުށަހެޅުމެއްގެ އިތުރުން ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައިވާތީ، އެ ހުށަހެޅި ހުށަހެޅުން ބާތިލުވާނެ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 43 ވަނަ މާއްދާއަކީ މައްސަލަ ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބުނެދޭ މާއްދާއެކެވެ. ފުރަތަމަ އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖެހޭ މައްސަލަ ހައްލުކުރާނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. (ށ)ގައި ވަނީ ދިވެހި ރާއްޖޭގެ އާބިޓްރޭޝަން ޓްރައިބިއުނަލްއެއް ނެތްހާ ހިނދަކު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބަލައި ނިންމާފައިވާ މައްސަލައެއް އިސްތިއުނާފު ކުރާނަމަ، އެ މައްސަލަ ހުށަހަޅަންވާނީ ސްވިޒަލޭންޑްގައި ހުންނަ ކާސްއަށް ކަމަށެވެ. އެ ނޫން ހާލަތެއްގައި ދިވެހި ރާއްޖޭގެ ސްޕޯޓްސް އާބިޓްރޭޝަން ޓްރައިބިއުނަލްއަށް ކަމަށެވެ. ދެން އޮތް ނުކުތާ (ނ)ގައި ވަނީ ޝަރުއީ ކޯޓަކަށް ބެޑްމިންޓަން ކުޅިވަރުގެ މަސްލަހަތު ހިމެނޭ އެއްވެސް މައްސަލައެއް ވެއްދުމަކީ ބައިނަލްއަގުވާމީ ކުޅިވަރު ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށާއި، ހިންގާ ގަވާއިދުން އެކަން މަނާކުރާ ކަމަށެވެ.
ކޮންމެއަކަސް ރާއްޖޭގައި އޮތް ހާލަތުން އިސްތިއުނާފަށް މާބޮޑު ފުރުސަތެއް ނެތި، ބީއޭއެމްއިން ދައުލަތާ ދެކޮޅަށް ކޯޓަށް ދިޔައީ "ބާރު" ހޯދުމަށެވެ. އެ ހާލަތުގައި ސިވިލް ކޯޓުން ނިންމި ނިންމުމުގައި ހިންގާ ގަވާއިދުގެ ދެ މާއްދާއަކުން މާނަކުރެވޭ ދެ ގޮތެއް ބަޔާން ކޮށްފައިވެއެވެ. އެގޮތުން (ނ)ގައި ބަޔާންކުރާ ބެޑްމިންޓަން ކުޅިވަރުގެ މަސްލަހަތާއި (ހ) ގައި ބަޔާންކުރާ އެސޯސިއޭޝަންގެ މައްސަލަ ތަފާތުކޮށް މާނަކުރެވިދާނެ ކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ. އެއީ އިދާރީ، އެތެރޭގެ މައްސަލަތަކަކީ އެސޯސިއޭޝަންގެ މައްސަލަ ކަމަށް ބަލައިގެންނެވެ. ބެޑްމިންޓަންގެ މައްސަލައަކީ ބާކީ ހުރި އެންމެންނާ ގުޅޭ މައްސަލަތަކެވެ.
ސިވިލް ކޯޓުން ބުނީ ހިންގާ ގަވާއިދުގައި ލިޔެ، ކޯޓަށް ވެއްދުން މަނާކޮށްފައިވާ ހާލަތެއްގައި އެމައްސަލައިގައި ކޯޓަށް ހައްލު ހޯދަން ހުށަހަޅަން ބީއޭއެމްއަށް ނުޖެހޭ ކަމަށެވެ. އަދި އެއީ މިނިވަންކަން ގެއްލި، ހައްގު އުނިވުމެއް ނޫން ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ. ސިވިލް ކޯޓުން ބުނީ މައްސަލައަށް ހައްލު ހޯދަން ޖެހޭނީ އިދާރާގެ އެތެރެއިން ކަމަށެވެ. މައްސަލައިގެ ބާވަތުން، ސިވިލް ކޯޓުން އެންގި އެންގުމާއެކު، ބީއޭއެމްއިން މައްސަލަ ހިފައިގެން ކޮމިޝަނާ އޮފް ސްޕޯޓްސްއާ ދެކޮޅަށް ކޯޓަން ދާން ޖެހޭނެ ހާލަތެއް ނެތް ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ. އޭގެފަހުން ދެން އައީ ހިންގާ ކޮމިޓީގެ ވާހަކައެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ބޯޑަށް އެންމެ ފަހުން މީހުން އިންތިހާބު ކުރީ 24 ފެބްރުއަރީ 2021 ގައެވެ. އެ ހިންގާ ބޯޑު ކޮމިޝަނަރު އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ 11 މާޗް 2021 ގައެވެ. ހިންގާ ކޮމިޓީ މުއްދަތު ހަމަވި ހިސާބުން އިންތިހާބަށް ނުފޫޒު ފޯރުވައިގެން އިންތިހާބު ބާއްވަން ކުރި މަސައްކަތް ހުއްޓާލަން ޖެހުނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ އިތުރުން، އެ އިދާރާގެ މައްސަލަތަކެއް ތަހުގީގުކުރަމުން އަންނަ އޭސީސީންވެސް އަންގައިގެންނެވެ.
އެ އިދާރާ ހިންގަވަން ހުންނެވި ރައީސް، މޫސާ ނާޝިދު (މޫސަ) އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައެއް މާޗު މަހުގެ ތެރޭގައި އޭސީސީން ބަލަން ފަށާފައިވާ އިރު، އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ އެސޯސިއޭޝަނަށްވެސް ވަދެފައެވެ. މޫސަ ފަހުން މަގާމުން އިސްތިއުފާ ދެއްވީ ޕްރެޝަރު ބޮޑުވެ، އިންތިހާބެއް ނުބޭއްވިގެންނެވެ. އެހެންނަމަވެސް، އޭނާއާއެކު އޮތް ހިންގާ ކޮމިޓީން ތިބީ ކޯޓާ ހަމައަށް ގޮސްގެންވެސް، ކޮމިޝަނަރުގެ ނިންމުން ބާތިލުކުރެވޭނެ މަގެއް ހޯދުމަށެވެ. ލިޔެކިޔުންތައްވެސް ބަރާބަރަށް ދެއްކެން ނެތް ހާލަތެއްގައެވެ.
ބީއޭއެމްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެއިދާރާގެ ގާނޫނީ ވަކީލު، އަލީ ސައީދު ކުރިން "ވަން ސްޕޯޓްސް"އަށް ވިދާޅުވީ، މައްސަލަ ހުށަހެޅުއްވީ ކޮމިޝަނަރު އޮފް ސްޕޯޓްސްއަށް ލިބިދޭ ބާރުގެ ބޭރުން ފޮނުވާފައިވާ ސިޓީއަކަށް ވާތީ ކަމަށެވެ. އޭގެ ރައްދެއްގެ ގޮތުން، ދާދިފަހުން ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް ވަނީ އެސޯސިއޭޝަނަށް ރައްދު ދެއްވާފައެވެ.
"ބީއޭއެމްގައި މިއުޅޭ މައްސަލަ ހައްލުކުރަން އަޅާފައިވާ ފިޔަވަޅަކީ، އެއީ ސްޕޯޓްސް ކައުންސިލާއި ވަޒީރުންގެވެސް މަޝްވަރާއާއެކު އަޅާފައިވާ ފިޔަވަޅެއް. އެ ފިޔަވަޅު އަޅާފައިވަނީ ޖުމުލަކޮށް ބެޑްމިންޓަން ކުޅޭ ހުރިހާ ކުޅުންތެރިން، އޭގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިން ވެސް، ކޯޗުން ވެސް، އޮފިޝަލުން، މި އެންމެންގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި. އެއީ މަޖުބޫރުވެގެން އަޅާފައިވާ ފިޔަވަޅެއް. އެ ފިޔަވަޅު މިއަދު ނާޅައިފި ނަމަ އަޅުގަނޑުމެންގެ ތެރެއިން ބެޑްމިންޓަން ގެއްލި ހިނގައިދާނެ،" ތޮލާލް ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި ވިދާޅުވިއެވެ.
ހަގީގަތުގައި ތޮލާލްގެ އެ ނިންމެވުން ނިންމަވަން ޖެހުނީ ގާނޫނުން ބޭރުގައި ދައުރު ހަމަވެފައި އޮތް ހިންގާ ކޮމިޓީއެއްގެ މަސައްކަތް ހުއްޓުވާލުމަށެވެ. އެއީ ކުރަން ޖެހިފައިވެސް އޮތް ކަމެކެވެ.
ބީއޭއެމްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، މުއްދަތު ހަމަވެފައި އޮތް ހިންގާ ކޮމިޓީ ސައްހަވާނެ ކަމަށް ބަޔާންކޮށްދޭން އެސޯސިއޭޝަނުން ބޭނުންކުރީ ކުޅިވަރު ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދުގެ 21، 23 އަދި 24 ވަނަ މާއްދާއެވެ. އެއީ އެ ގާނޫނުގެ ހަވަނަ ބާބުގައި އައިސްފައިވާ މާއްދާތަކެކެވެ.
ކުޅިވަރު ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދުގެ 23 ވަނަ މާއްދާގައި، ރަޖިސްޓްރީ ކުރެވޭ ޖަމިއްޔާތަކުގެ ހިންގާ ކޮމިޓީގެ ދައުރަކީ ހަތަރެއް ކަމަށާއި، ދައުރު ހަމަވުމުގެ 30 ދުވަސްކުރިން ހިންގާ ކޮމިޓީން އަލުން އިންތިހާބެއް ކުރަންވާނެ ކަމާއި، ހިންގާ ކޮމިޓީގެ ދައުރުގެ ކުރިން އެކަން ކުރަން ލާޒިމުކޮށްފައިވެއެވެ. އަދި އެހިންގާ ކޮމިޓީ އިންތިހާބު ކުރެވިފައި ނުވާނަމަ، އާ ހިންގާ ކޮމިޓީއެއް އިންތިހާބުކުރެވެންދެން، ޝަރުއީ އެކިއެކި ބޭނުމަށް ޖަމިއްޔާގެ ހުރިހާ ކަމެއްގެ މަސްއޫލު ފަރާތަކީ ޖަމިއްޔާގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ އެންމެފަހު ދައުރުގެ ހިންގާ ކޮމިޓީކަން ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.
ބީއޭއެމްއިން ދެއްކި ހުއްޖަތަކީ މުއްދަތު ހަމަވެގެން ގޮސް، އިންތިހާބެއް ނެތި ހައެއްކަމަސްދުވަސް ވެފައި އޮތް ހިންގާ ކޮމިޓީއެއް ސައްހަވާނެ ކަމަށް ދެއްކި ހުއްޖަތެކެވެ. ގަވާއިދުގެ އެ ބާބަށް ރިއާޔަތްކޮށް، ބީއޭއެމްއިން މަސައްކަތް ކޮށްފައި ވަނީ ދައުރު އަދިވެސް ދިގު ދަންމާލުމަށެވެ. އެހެން ނަމަވެސް، ސިވިލް ކޯޓުގެ ހުކުމުގައި ބުނީ އެގަވާއިދުގެ 24 ވަނަ މާއްދާގެ (ރ) ގެ ދަށުން ކޮމިޝަނާ އޮފް ސްޕޯޓްސް ނިންމުމެއް ނިންމުމާ ހަމައިން އެ ބާރު ހިންގާ ކޮމިޓީން ކެނޑިގެން ދާނެ ކަމަށެވެ. އަދި އެހިސާބުން ކޮމިޝަނަރު ނިންމެވި ގޮތަށް އެކަން ހިނގަން ޖެހޭ ކަމަށެވެ.
އެހިސާބުން 11 އޮގަސްޓްގައި ކޮމިޝަނަރު ނިންމި ނިންމުމަށް ސިވިލް ކޯޓުން ބާރު ދީފައިވެއެވެ. ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ކޮމިޝަނަރު އެންގި އެންގުމަށް އިންތިހާބު މަޑު ޖައްސާލަން ޖެހުން އެއީ އިންތިހާބު ނުބޭއްވުމަށް ދެއްކޭނެ ބަހަނާއެއް ނޫން ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ ބޮޑުވެ، ބީޑަބްލިޔުއެފްއާއި އޮލިމްޕިކްސް ކޮމިޓީގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސްވެސް ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ބީޑަބްލިޔުއެފްއިންވެސް ގަބޫލުކުރާ ކުރުންތަކަކީ އެސޯސިއޭޝަނުގެ ކަންތައްތަކެއް ރަނގަޅުވާން ޖެހޭ ކަމަށް ގަބޫލުކުރާ ގަބޫލުކުރުން ތަކެކެވެ. އަދިވެސް ސްޕޯޓްސް މިނިސްޓްރީއާއި އެމްއޯސީގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެ މަސައްކަތަށް ދިމާވި ޗެލެންޖަކީ ބީއޭއެމްގެ މައުލޫމާތަށް ރައްދުގައި ބީޑަބްލިޔުއެފްއިން 20 އޮގަސްޓްގައި ފޮނުވި ސިޓީއެވެ. ބީއޭއެމްގެ ފަރާތުން ސިވިލް ކޯޓުގައި އެ ސިޓީގެ ވާހަކަ ބަޔާން ކޮށްފައިވެއެވެ. އެގޮތުން އިންތިހާބީ މަރުހަލާ އޯވަސީ ކުރުމަށް ތިން މެންބަރުންގެ އެޑް-ހޮކް ކޮމިޝަނެއް އެކުލަވައިލާން ޖެހޭ ކަމަށް ބުނެފައިވާތީ، އެކަން ކުރަން ވާނީ އެގޮތަށް ކަމަށް ބީއޭއެމްއިން ދެކޭ ކަމަށް ބުންޏެވެ. އަދި ކޮމިޝަނާ އޮފް ސްޕޯޓްސްގެ އަމުރު ތަންފީޒު ކުރުމަކީ އޮލިމްޕިކް ޗާޓަރާއި ބީޑަބްލިޔުއެފް ކޮންސިޓިޓިއުޝަނާ ހިލާފުވާނެ ކަމެއް ކަމަށް ބެލެވޭ ކަމެއް އެސޯސިއޭޝަނުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެކަމުގައިވެސް ސިވިލް ކޯޓުން ވަނީ ބީއޭއެމްއަށް އިރުޝާދު ދީފައެވެ.
ސިވިލް ކޯޓުން ބުނީ ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ދޭ ލަފައާއި އެންގުންތައް އަމަލުކުރަން ރާއްޖެއަށް ލާޒިމުވާކަމަށް ދެކޭ ހިނދު، ކުޅިވަރު ޖަމިއްޔާތަކުގެ އަމިއްލަ މިނިވަންކަމާއި، މުސްތަގިއްލުކަން އެގޮތުގައި ދެމެހެއްޓުމަށާއި، ސިޔާސީ އަދި އެ ނޫންވެސް ނުފޫޒުތަކުން ކުޅިވަރު ޖަމިއްޔާތައް ރައްކާތެރިކުރިމަށް ކުރަން ޖެހޭ ކަންކަން ކުރަން އޮލިމްޕިކް ޗާޓަރުގެ އަސާސީ އުސޫލުގެ ފަސްވަނަ މާއްދާގައިވާ ކަމަށެވެ.
އޭގެ އިތުރުން ބީޑަބްލިޔުއެފްގެ ދުސްތޫރުގަ ފަސްވަނަ މާއްދާގައިވެސް ވަނީ އެސޯސިއެޝަންތައް ހިނގަންވާނީ ފުރިހަމަ އިހުތިޔާރުގައި ކަމަށެވެ. "އޮޓޮނޮމީ" ދެމެހެއްޓުމަކީ އެންމެ އަސާސީ ކަންތައް ކަމަށްވެސް ބަޔާންވެފައިވެއެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ބުނީ ބީޑަބްލިޔުއެފްގެ ސިޓީ އެއް ފަރާތުގެ ބަހަށް މާނަކުރުމަކީ ގޯސް މާނަކުރުމެއް ކަމަށެވެ. އަދި އެ ސިޓީއަށް ބިނާކޮށް ވަގުތީ އަމުރު ނެރެން ޖެހޭ ހާލަތެއް ނެތް ކަމަށްވެސް ސިވިލް ކޯޓުން ފާހަގަކުރިއެވެ.
އެއާއެކު އެ ސިޓީއަށް ބިނާކޮށް، ގަރާރެއް ފާސްކޮށްގެން ކޮމިޝަނަރުގެ ނިންމުމާ ޗެލެންޖް ކުރުމަށް މައްސަލަ ސިވިލް ކޯޓަށް ވެއްދުމަށް މިހާރު އޮތް ބީއޭއެމްގެ މުއްދަތު ހަމަވެފައި އޮތް ހިންގާ ކޮމިޓީއަށް ހައިސިއްޔަތެއް ނޯންނާނެ ކަމަށް ހުކުމުން ދޭހަވެއެވެ. އަދި އެ މައްސަލައިގައި މިހާރު އޮތް ހާލަތުން އެސޯސިއޭޝަންގެ ޒިންމާ ހަވާލުވެފައި ވަނީ މުއައްސިސާ ކަމަށްވެސް އަންގާފައިވެއެވެ. ޔަގީންކޮށް ބުނެފައި ވަނީ ބީއޭއެމްގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައިވާތީ، މައްސަލަ ވައްދަން މިހާރު އޮތް ހިންގާ ކޮމިޓީއަށް ބާރެއް ނެތް ކަމަށެވެ. އެހެންކަމުންވެސް އެކަމަށް އަވަސް ހައްލެއް މަޖުބޫރެވެ.
ބެޑްމިންޓަނުގެ މައްސަލައިގައި ތަކުރާރުކޮށް، އެތައް ކަމެއްގެ ތެރެއިން ގޮސް، މިހާރު ނިންމުން ނިންމަން ޖެހިފައި އޮތީ ބީޑަބްލިޔުއެފް އަށެވެ. އެ ނިންމުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، ބީއޭއެމްގެ ހަގީގީ ހާލަތު ބައްދަލުވުންތަކުގައި ހިއްސާކުރެވިފައިވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.
"ބީއޭއެމްގެ ކަންތަކުގައި ބީޑަބްލިޔުއެފްގެ ނިންމުމަކަށް އިންތިޒާރުކުރަމުން މިދަނީ. އެހެންވެ މިވަގުތު އިތުރު ގޮތަކަށް ކަންކަން ކުރަން ވިސްނޭކަށް ނެތް. ކޮމިޝަނަރުގެ ހައިސއްޔަތުން އެދިފައިވާނީ ބެޑްމިންޓަން އެސޯސިއޭޝަން ނޯމަލައިޒޭޝަނަކަށް ގެންދަން،" ތޮލާލް ކުރިން ވިދާޅުވިއެވެ.
ތޮލާލް އިއްޔެ "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ބީއޭއެމްގެ މައްސަލައިގައި ގޮތެއް ނިންމަން ބީޑަބްލިޔުއެފްއިން ބައްދަލުވެ، މިހާރު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މި ހަފުތާ ތެރޭގައި ނިންމުމެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކުޅިވަރު ތެރެއިން ތަފާތު މައްސަލަތައް ފެންމަތިވެ، ރާއްޖޭގެ އެންމެ އުހުގައި އޮތް ކުޅިވަރުތަކަށްވެސް ވަނީ އެކަމުގެ ހިތި ފެނިފައެވެ. އެތައް ކްލަބަކުން ކުޅުންތެރިންގެ ހައްގުތަކަށް އަރައިގަތުމާއި، ބޮޑެތި އެސޯސިއޭޝަންތަކުގެ ތެރޭގައި އިދާރީ ގޯހުން މައްސަލަ އުފެދި، ކޮރަޕްޝަނުގެ ތެރެއަށްވެސް ވަދެގެންދާ މަންޒަރު އާއްމުވެއްޖެއެވެ. އެއާއެކު ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުން މުހިއްމުކަން ސާފެވެ. ހާއްސަކޮށް ސަރުކާރުގެ ތެރެއިން ތިންވަނަ ފަރާތެއްގެ ނުފޫޒު ކުޅިވަރަށް ވަނުންފަދަ ކަންކަން ހަންމަތަކުރުމަށް ކުޅިވަރުގެ މައްސަލަތައް ހައްލުކުރާ ޕެނަލެއް، ނޫންނަމަ ސްޕޯޓްސް އާބިޓްރޭޝަން މިހާރު މަޖުބޫރެވެ. ތަޖުރިބާކާރުންގެ ނަޒަރުގައިވެސް އެއީ ރާއްޖެއަށް އެންމެ މުހިއްމު އެއް މަސައްކަތެވެ.
މީގެ ކުރިންވެސް މަޖިލިސް ތެރޭގައި އެފަދަ އިސްލާހުތަކަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން 19 ވަނަ ރައްޔިތުން މަޖިލީހުގައި ކުޅިވަރު ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކަށް ދެބަސްވިތަންވެސް ފެނިގެން ދިޔައެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ މެޖޯރިޓީ އޮވެގެން 2015 ވަނަ އަހަރު ފާސްކުރި ކުޅިވަރު ގާނޫނު އިސްލާހުކުރުމަކީ، 2018 ގެ އިންތިހާބުގެ ކުރިން އެމްޑީޕީން ވަރަށް ބޮޑަށް ދެއްކި ވާހަކަ އެކެވެ. އެ ކަމަށް އިޝާރާތް ކުރައްވައި، ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުޅިވަރު ގާނޫނަށް އިސްލާހުތަކެއް ގެންނަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
ހަސަން ލަތީފުގެ އެ އިސްލާހުތަކުގެ ޖުމުލަ އުސޫލުތަކަށް ފާޑުކިޔުން އަމާޒުވެ، އެފަހަރު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލް ފާސްނުކުރަން ފެންނަ ކަމަށް އިއްތިފާގުވިއެވެ. އަދި ޖަލްސާގައި ރިޔާސަތުން ބިލް ފާސްކުރުމަށް ވޯޓަށް އެހުމުންވެސް ފާހެއް ނުވިއެވެ. އެ ބިލުގައި ހިމެނޭ ކަންކަމާ ދެކޮޅަށް ރާއްޖޭގެ 18 ގައުމީ ކުޅިވަރު އެސޯސިއޭޝަނުން ތެދުވިއެވެ. އެއީ ތިންވަނަ ފަރާތުގެ ނުފޫޒަށް ފަހިވާނެ ގޮތަށް އޭގައި ބައެއް މާއްދާތައް ހިމަނާފައިވާ ކަމަށް ބުނެއެވެ.
އޭރު ހަސަން ލަތީފް ފާހަގަކުރެއްވި އެއް ވާހަކައަކީ 2015 ވަނަ އަހަރު ގެނައި ކުޅިވަރު ގާނޫނަށް ހުށަހަޅާ ފުރަތަމަ އިސްލާހުގައި ގޯސްތައް ހުރި ނަމަވެސް، މަޝްވަރާކޮށް ހައްލުކޮށްގެންވެސް ގާނޫނަށް އިސްލާހު ގެނެސް ވައުދުފުއްދެވުމަށް ދެއްކެވި ވާހަކައެވެ.
ހަގީގަތުގައި ހަސަން ހުށަހެޅުއްވި އިސްލާހުގައިވެސް ރަނގަޅު ގިނަ ކަންތައްތަކެއް ހުއްޓެވެ. އެހެން ނަމަވެސް އޭރު އެކަން ފާސްވާ ގޮތް ނުވެ، މިއަދު އާ ސަރުކާރަކާއި މަޖިލީހެއްގެ މައްޗަށް އެ ޒިންމާ މިވަނީ މަތިވެފައެވެ. މިއަހަރު ޖުލައި މަހު 17 ވަނަ ދުވަހު މަޖިލީހަށް ހާޒިރުވެ، ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވަނީ ކުޅިވަރު ގާނޫނަށް ގެންނަ އިސްލާހުގެ ކަންކަމާ ގުޅޭ ކަރުދާސް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އަދި ބިލެއްގެ ސިފައިގައި އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.
ރާފިއު މިވެރިކަމުގެ ފުރަތަމަކޮޅުގައި "ވަން ސްޕޯޓްސް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުޅިވަރު ގާނޫނުގެ އިސްލާހު މި ސަރުކާރުން ގެންނާނެ ކަމަށާއި، އޭގެ ތެރޭގައި އާބިޓްރޭޝަން ހިމެނޭނެ ކަމަށެވެ. އެކަމަކީ މިހާރުން މިހާރަށް މުހިއްމު ކަމެއް ކަމަށްވެސް ރާފިއު ވިދާޅުވިއެވެ.
ކުޅިވަރު ގާނޫނަށް ގެންނަ އިސްލާހަށް ސްޕޯޓްސް މިނިސްޓްރީން ތައްޔާރުކުރި ޑްރާފްޓްގައި ހިމަނާފައިވާ ގޮތުން ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރުތަކެއްގެ ނޫނީ ފެޑެރޭޝަން ނޫނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ނޫނީ ކްލަބް ނޫނީ އެކެޑަމީތަކުގެ މެންބަރުންގެ މެދުގައި ނުވަތަ ކުޅުންތެރިންގެ ދޭތެރޭގައި ނުވަތަ ކުޅިވަރުގައި ހިމެނޭ އޮފިޝަލުންނާ ދޭތެރޭ އުފެދޭ ދެބަސްވުންތައް ހައްލުކުރުމަށް ސްޕޯޓްސް އާބިޓްރޭޝަން ބޯޑެއް އޮންނަން ޖެހެއެވެ.
ރާފިއު އޭގެފަހުން އާބިޓްރޭޝަންގެ ބައެއް ތަފްސީލުތައް ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވާފައިވެއެވެ.
"ބޯޑު އެކުލެވިގެން ވާނީ ތިން މެންބަރުންގެ މައްޗަށް. މެންބަރުން އައްޔަންކުރާނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިން ކުޅިވަރާ ބެހޭ ވަޒީރު. މި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އާބިޓްރޭޝަން ބޯޑު ހިންގުމަށް ބޭނުންވާނެ ހުރިހާ ގަވާއިދެއް ހަދާނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން،" ރާފިއު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ރާފިއު ފާހަގަކުރެއްވީ އާބިޓްރޭޝަން ބޮޑީ ހިނގާނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެފިލިއޭޓް ވެގެން ކަމަށެވެ.
ތަކުރާރުކޮށް އެތައް ކަމެއްގެ މައްސަލަތައް ކުޅިވަރުގެ ތެރެއިން ފުލުފުލުން ފެންމަތިވާ އިރު، މިއަދުގެ ސަރުކާރަށް އޮތް މުހިއްމު މައްސޫލިއްޔަތަކަށް ކުޅިވަރު ގާނޫނުގެ އިސްލާހުވެއެވެ. އެކަމަށް މަޖިލިސްވެސް ފަހިވާން ޖެހެއެވެ. އެ މަސައްކަތް އަވަސްކޮށްގެން ނޫނީ، ބީއޭއެމް ފަދަ އެސޯސިއޭޝަންގެ މައްސަލަތަކަށް ހަގީގީ ނިމުމެއް ނުގެނެވޭނެއެވެ. އެސޯސިއޭޝަންތަކަކީ ގާނޫނީ އިމުގައި ހިނގާ ތަންތަންކަން ކަށަވަރުކުރުން އެއީ ދައުލަތުގެ ބޮޑު ޒިންމާއެކެވެ. ހާއްސަކޮށް ފައިސާގެ ހިޔާނާތްތަކުގެ ތެރެއިން އެތައް އެތުލީޓުންނެއް ބިކަވަމުންދިއުން، އެއީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް