މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ފަށައިފިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.
މި މަޝްރޫއުގެ މަގުސަދަކީ މާލެ ވިލިމާލޭގެ މަގުތަކުގެ ހާލަތު ގޯސްވަމުންދާ މިންވަރު ޒަމާނީ ފެންވަރަށް އަޕްގްރޭޑްކޮށް ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ހޯދައިދިނުމެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، މުހިންމު ފަރާތްތަކާ އެކު ސިލްސިލާކޮށް ބޭއްވި ބައްދަލުވުންތަކަށްފަހު، ޗައިނާ ސަރުކާރުން އެކުލަވާލި އެކްސްޕާޓް ޓީމުން ވަނީ މަގުމަތީގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ނިންމާލައިފައި ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި އެ ޓީމުން ވަނީ މިނިސްޓްރީގެ ޓެކްނިކަލް ޓީމާ އެކު މާލެ އާއި ވިލިމާލެ މަގުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކޮށްފައެވެ. ޗައިނާގެ އެކްސްޕާޓް ޓީމުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮންސްޓަކްޝަން މިނިސްޓްރީން ބުނީ ދެން އޮތީ އެ މަޝްރޫގެ ޑިޒައިނިން މަރުހަލާ ކަމަށެވެ.
މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ތަރައްގީކުރުމުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާގެ އެކްސްޕާޓް ޓީމު ރާއްޖެ އައިސްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓްގައި ރައީސް ވިދާޅުވެފައިވަނީ، ޗައިނާ އިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު