އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން މިއަދު އަމުރު ނެރެފިއެވެ.
ދަ ހޭގްގައި ހުންނަ އައިސީސީން ނެރުނު ބަޔާނެއްގައި ބުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 13 މަސް ދުވަހަށް އިޒްރޭލުން ގާޒާގައި ހިންގި ލާއިންސާނީ އަމަލުތަކާއި ހަނގުރާމައިގެ ސަބަބުން ނަތަންޔާހޫ އާއި ގަލަންޓް އަދި ޟައީފް ހައްޔަރުކުރުމަށް އަމުރު ނެރޭ ކަމަށެވެ.
"ގާޒާގެ ރައްޔިތުން ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ކަމަށްވާ ކާނާއާއި ފެނާއި ބޭހާއި ސިއްހީ ސާމާނުގެ އިތުރުން ތެލާއި ކަރަންޓު ވެސް ގަސްތުގައި އަދި އެނގިހުރެ ވެސް މަހުރޫމު ކުރި ކަމަށް ގަބޫލުކުރެވޭނެ ސަބަބުތަކެއް ހުރި ކަމަށް ޗެމްބަރުން ބެލި،" މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އަމުރުގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުން ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރާ ކަމަށާއި އެ ހަނގުރާމައަށްވުރެ އިންސާފުވެރި ކަމެއް ނެތް ކަމަށެވެ.
ނަތަންޔާހޫއާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރްއާއި ހަމާސްގެ މިލިޓަރީ ވިންގުގެ ކޮމާންޑަރު މުހައްމަދު ދިއާބް އިބްރާހިމް އަލް-މަސްރީ އަދި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ހެޑް އިސްމާއިލް ހަނީޔޭ ހައްޔަރުކުރުމުގެ އަމުރަކަށް ހުށަހަޅާފައިވަނީ އައިސީސީގެ ޗީފް ޕްރޮސިކިއުޓަރު ކަރީމް ހާންއެވެ. އޭނާ އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިއަހަރުގެ މެއި މަހުއެވެ.
ކަރީމް ހާން ވިދާޅުވީ، 7 އޮކްޓޯބަރު 2023ގައި ހަމާސް އިން އިޒްރޭލަށް ހަމަލާ ދިން ދުވަހުން ފެށިގެން އިޒްރޭލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ޒިންމާ ނަތަންޔާހޫއާއި ގަލަންޓް ނަގަން ޖެހޭނެ ކަމަށެވެ.
އެގޮތުން ނަތަންޔާހޫއާއި ގަލަންޓް ހައްޔަރުކުރަން ކަރީމް ހާން ހުށަހަޅާފައިވަނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކޮށް އިންސާނުން ބަނޑަށް ޖެއްސުން، މީހުން މެރުން، އާންމުން ދިރިއުޅޭ އާބާދީތަކަށް އަމާޒުކޮށް ގަސްތުގައި ހަމަލާ ދިނުން އަދި ބަޔަކު ނައްތާލިކަމުގެ ތުހުމަތުގައެވެ.
ހަމާސްގެ ލީޑަރުން ހައްޔަރު ކުރަން ހުށަހެޅީ ބަޔަކު ނައްތާލުން، މީހުން މެރުން، ރަހީނު ކުރުން، ރޭޕު ކުރުން އަދި ލާއިންސާނީ އަމަލު ހިންގިކަމުގެ ތުހުމަތުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ