ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން "ވަން" އަށް މިއަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ޅ. ކުރެންދުއަށް ކަމަށެވެ. އެގޮތުން އެރަށުގެ 104 ގެއަކަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ހާލަތަކަށް ގޮސްފައިވާ ގެތަށް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ދ. ބަނޑިދޫ ގެއެއްގެ ބަދިގޭގެ ފުރާޅުން ބައެއް އެއްލައިލުމުގެ ސަބަބުން، ބަދިގެއާއި އެ ގޭގައި ހިފައިގެންގުޅޭ ސާމާނަށް ގެއްލުން ވެފައިވެއެވެ. އެ ގޭގެ ފުރާޅު މަރާމާތު ކުރުމަށް ވަގުތު ބޭނުންވާތީ އެ ގޭގައި އުޅެމުން އަންނަ ހަތް މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުންޏެވެ. އެ ކޮޅިގަނޑުގައި އެ ރަށުގެ އެހެން ގެއެއްގެ ވެސް ފުރާޅުން އެއްބައި ޓިނުތައް އުކާލިއެވެ. އެތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެ ރަށުގެ މަގުތަކުގައި ވެސް ފެންބޮޑުވެފައިވާ އިރު، ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓިގެން ވެސް ރިޕޯޓު ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ފުރާޅަށް ގެއްލުންވެ، ސީލިންގަށް ފެން އެޅި، ސީލިންގު ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އެ ގޭގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ވިއްސާރައިގައި މާލެ ސަރަހައްދަށް އިއްޔެ އާއި މިއަދު ވެސް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ. ނަމަވެސް މާލޭގެ އެއްވެސް ގެއަކަށް ގެއްލުން ލިބިފައިނުވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މެޓު އޮފީހުން ބުނެފައިވާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސް ވަރާ ދިމާކޮށް އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާ ގުޅިގެން ކުރަމުންދާ ވިއްސާރަ އެކެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭއަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މިއަދު ވެސް ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭ އިރު، މެޓުން ވަނީ ބ. އިން އދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. އަދި ރ. އަތޮޅުން ފެށިގެން ލ. އަތޮޅަށް އޮތީ ވައިޓް އެލާޓް ނެރެފައެވެ.