ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން މަޖިލީހަށް ހުށަހަޅުއްވާ "މީޑިއާ ކޮންޓްރޯލް ބިލު" ރައްޔިތުންގެ މަޖިލީހުން ބޭރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން އެކަމަށް ކޮމިޓީ އޮފް ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން މަރުހަބާ ކިޔައިފިއެވެ.
ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތަށްފަހު، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި މަޖިލީހަށް ހުށަހަޅާ އެ ބިލަށް ތާއީދުނުކުރައްވާ ކަމަށެވެ.
" އެ ބިލު (މީޑިއާ ކޮންޓްރޯލް ކުރާ ބިލު) މަޖިލީހުން ބޭރު ކުރާނަން. އޮފްކޯޒް (ބަލައެއް ނުގަންނާނަން). ދެކޮޅޭ ބުނެފައި އެއަށް ތާއިދުކުރީމަ ކިހިނެއްވާނީ؟،" ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ސީޕީޖޭގެ އޭޝިއާ ޕްރޮގްރާމުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މަޖިލީހަށް ހުށަހަޅާ އެ ބިލުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކުރުމާއި ނޫސްވެރިކަމުގެ ލައިސަންސް ހިފެހެއްޓުމާއި ރިޕޯޓް ކުރުމުން ރަސްމީކޮށް މައާފަށް އެދުމުގެ ބާރު ލިބިގެންދާނެ ކަމަށެވެ.
"މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓަރީ ގްރޫޕު މެދުވެރިކޮށް ބިލު ބޭރުކޮށްލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން އެކަމަށް މަރުހަބާ ކިޔަން،" ސީޕީޖޭ އޭޝިއާ އިން ބުންޏެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓޭނެ އާ މީޑިއާ ރެގިއުލޭޝަން ބިލެއް ޑްރާފްޓްކުރުމުގެ ކުރިން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން، ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ މަޝްވަރާ ހޯދުމަށް ވެސް ސީޕީޖޭ އޭޝިއާ އިން ވަނީ ގޮވާލައިފައެވެ.
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ދިވެހި ނޫސްވެރިން ގުޅިގެން ހިންގާ "ހަތަރެއްގެ ހައްގު"ގައި ކެމްޕެއިނުން މިރޭ ނެރުނު ބަޔާނެއްގައި ވެސް ވަނީ ރައީސްގެ އެ ނިންމެވުމަށް މަރުހަބާ ކިޔައިފައެވެ. އަދި އެ ބިލު ބޭރުކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ކެމްޕޭނުން ވަނީ ގޮވާލައިފައެވެ. .
"ހަތަރެއްގެ ހައްގު"ގައި ކެމްޕޭނުން ބުނީ އެ ކެމްޕޭންގެ ޕެޓިޝަންގައި މިހާތަނަށް 100 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށްފައިވާ ކަމަށާއި މަޖިލީހުން ބިލު ބޭރުކޮށްލަންދެން އެ ކެމްޕޭން ކުރިއަށްގެންދިއުމަށް އިންތިޒާމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ހަންނާން ހުށަހަޅުއްވާ އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ގާނޫނުއަސާސީން ނޫސްވެރީންނަށް ލިބިދޭ ހައްގުތައް، ޒިންމާދާރު ކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރީންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.
ބިލުގައި ވަނީ އެ ކޮމިޝަންގައި ހަތް މެންބަރުން ހިމެނޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ. އެ ބިލުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ވެސް ލިބޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
އެ ބިލުގެ މައްސަލައިގައި "ހަތަރެއްގެ ހައްގު"ގައި ކެމްޕޭން ޓީމުން ވަނީ ޝަކުވާ ހުށަހެޅުމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމާވެސް ބައްދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު